ޑިސިޕްލިން މައްސަލަތަކެއްގެ ސަބަބުން ނޭމާ އަތުން ބްރެޒިލްގެ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަތުލައިފިއެވެ.

ކުރިއަށް އޮތް ކޮޕާ އެމެރިކާގައި ބްރެޒިލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅޭނީ ޑެނީ އަލްވޭސްއެވެ. އުމުރުން 27 އަހަރުގެ ނޭމާއަށް އެގައުމުގެ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ދީފައި ވަނީ މީގެ އަށްވަރަކަށް މަސް ކުރިންނެވެ. ކޯޗު ޓީޓޭ ބުނެފައި ވަނީ ނޭމާ އަތުން ބޭންޑް ނަގަން ޖެހުނީ ބައެއް ޑިސިޕްލިން މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

މި މަސް ތެރޭގައި ފްރާންސްގެ ފުޓުބޯޅަ އިދާރާއިން ވަނީ ނޭމާ ތިން މެޗަށް ސަސްޕެންޑް ކޮށްފައެވެ. ނޭމާގެ ކްލަބު ޕީއެސްޖީއާއި ރެނެސް ކުޅުނު މެޗުގައި ސަޕޯޓަރެއްގެ ގައިގައި ޖަހައިގެން ނޭމާ ސަސްޕެންޑް ކުރި އިރު، ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓި މެޗުގައި ރެފްރީއަށް ހަޑީހުތުރު ބަހުން މުއާމަލާތް ކުރުމުންވެސް ނޭމާއަށް ވަނީ އަދަބު ދީފައެވެ.

އޭގެ އިތުރުންވެސް ޕީއެސްޖީ ޑްރެސިން ރޫމްގައި ނޭމާއާއި ބައެއް ކުޅުންތެރިންނާ މައްސަލަތަކެއް ޖެހިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

ކޮޕާ އެމެރިކާއަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ އެކުވެރިކަމުގެ ދެ މެޗުގައިވެސް ކެޕްޓަންކަން ކުރާނީ އަލްވޭސްއެވެ. އަލްވޭސް ވަނީ މީގެ ކުރިން ހަތަރު މެޗެއްގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައެވެ.