ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު، އަދި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އިމްރާން މުހައްމަދު (އިންމަ)، މިދިޔަ އަހަރުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

އިންމަ ސޮއިކުރިކަން ކްލަބުން "ވަގުތު"އަށް ޔަގީން ކޮށްދީފައިވާ އިރު، އިންމަގެ ސޮއި ލިބުމާއެކު ޓީސީން ގެންނަން ކުރިން ނިންމާފައި އޮތް ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ކުމާރު ނުގެންނާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް، 17 އަހަރު ވަންދެން ބެލެހެއްޓި އިންމައަކީ ދިވެހި ފުޓުބޯޅަ ދުތް އެންމެ ވަރުގަދަ ލީޑަރެވެ. އެތަކެއް ސަޕޯޓަރުންގެ ލޯތްބާއި އިހުތިރާމް ހޯދާ، 2016 ވަނަ އަހަރު އިންމަ ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ އިރު، މިދިޔަ އަހަރު އޭނާއަށް ހާއްސަކުރެވިގެން ވަދާއީ މެޗެއްވެސް ކުުޅެފައިވެއެވެ. އެ މެޗުގައި ޕީޓާ ޝޫމައިކަލް އަދި މިޝޭލް ސެލްގާޑޯވެސް ބައިވެރިވެފައިވެއެވެ.

ކްލަބު އީގަލްސްއިން ތައާރަފްވެ، ވެލެންސިއާ އަދި ވިކްޓަރީއަށްވެސް ކުޅެފައިވާ އިންމަ، ވީބީއާއި މާޒިޔާ އަދި ނިއުގައިވެސް ވިދާލާފައެވެ. ދިވެހި ފުޓުބޯޅައިގައި ހުރިހާ ކާމިޔާބީއެއްވެސް ހޯދުމަށްފަހު، ގައުމީ ޓީމާއެކު 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލްވެސް ހޯދި އިންމައަކީ އެޓީމުގެ ދިފާއީ ފާރެވެ. ގައުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއްވި ކުޅުންތެރިއެއްގެ ގޮތުގައި އިންމަ ފާހަގަކޮށްލެވުނު އިރު، މިދިޔަ ސީޒަންގެ ފަހުބައިގައި އޭނާ ކުޅެފައެއް ނުވެއެވެ.

ނިއުއާ ޖެހުނު މުސާރައިގެ މައްސަލަ އިންމަ އެފްއޭއެމްއަށް ހުށަހަޅާފައިވާ އިރު، ނިއުއިން ވަނި އިންމަ ކްލަބުން ވަކި ކުރި ކަމަށްވެސް ބުނެފައެވެ. އިންމަ އޭގެފަހުންވެސް އެތައް ފަހަރަކު ކުޅުންތެރިންގެ ހައްގުގައި މުސާރަތައް އަވަސް ކުރުމަށް ވަނީ އެދިފައެވެ. އަދި އެފްއޭއެމްއިން ނިއު ސަސްޕެންޑް ކޮށްފައިވާ އިރު، އެކަމަށް ނިއުއަށް ހައްލު ހޯދުމުގެ އެންމެ ކުރީ ސަފުންވެސް އިންމަ ފާހަގަ ކޮށްލެވެއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ޓީސީން މި ސީޒަނަށް ވަރުގަދައަށް ތައްޔާރުވާ އިރު، އެޓީމުން ވަނީ މުހިއްމު ބައެއް ކުޅުންތެރިން ޓީމަށް ގެންގޮސްފައެވެ. އެގޮތުން މާޒިޔާއަށް މިދިޔަ ސީޒަންގައި ކުޅުނު އިސްމާއީލް އީސަ (މެސީ)އާއި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)ވެސް އަންނަ ސީޒަންގައި ފެންނާނީ ޓީސީންނެވެ. އަދި ނޭޕާލްގެ ގައުމީ ޓީމުގެ ތަރި ބިމާލް ގާތީވެސް ޓީސީއަށް ގެންނަން ނިންމާފައިވާ އިރު، އެޓީމުގެ ކާމިޔާބު ކޯޗު، މުހައްމަދު ނިޒާމް ނެތްތަން ފޫބެއްދުމުގެ ޒިންމާއާ ހަވާލުކޮށްފައި ވަނީ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އާއެވެ.

މީގެ ފަސް އަހަރު ކުރިން ތިންވަނަ ޑިވިޝަންގައި ވާދަކުރި ޓީސީން ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަން ކުޅެފައި ވަނީ 2015 ވަނަ އަހަރުގައެވެ. އެޓީމުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ 2014 ވަނަ އަހަރު ދެވަނަ ޑިވިޝަންގެ ތަށި ހޯދާ، ޕްލޭ އޮފް ކުޅެގެންނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ޓީސީން ރާއްޖޭގެ ފުޓުބޯޅައިގެ ޝަރަފުވެރި ޗެމްޕިއަންކަން ހޯދާފައިވާ އިރު، މިފަހަރުގެ ލީގަށްވެސް ޓީސީން ވާދަކުރާނެ ކަމަށް ބެލެވެއެވެ.