ޗެލްސީގެ ބެލްޖިއަމް ތަރި، އެޑެން ހަޒާޑް އެ ކްލަބު ދޫކޮށްލާނެ ކަމުގެ ބޮޑު އިޝާރާތެއް ދީފިއެވެ.

ޗެލްސީން މިރޭ ޔޫރޮޕާ ލީގުގެ ފައިނަލްގައި އާސެނަލް ބަލިކޮށް، ތަށި ނަގާފައިވާ އިރު، މެޗަށްފަހު ހަޒާޑް ބުނެފައި ވަނީ "މިއީ އަލްވަދާއަކަށް ވުން ވަރަށް ގާތް ކަމަށެވެ." އޭގެ އިތުރުން ހަޒާޑް ބުނީ އެހެން ނަމަވެސް މިއީ ފުޓުބޯޅަ ކަމަށާއި، އަދިވެސް ވާނެ ގޮތެއް ނޭނގޭ ކަމަށެވެ.

"އަހަރެން މީގެ ދެ ހަފްތާ ކުރިން ނިންމައިފިން. އަހަރެން އަންގާފައިވާނީ ޗެލްސީއަށްވެސް އަހަރެންގެ ނިންމުން. ދެން މަޑު މިކުރަނީ ދެ ކްލަބުގެ ނިންމުމަށް. މިއީ އަލްވަދާއެއް ކަމަށް އަހަންނަށް ފެންނަނީ. އަހަރެން ޗެލްސީގައި ހަތް އަހަރު ހޭދަކޮށްފިން. މިއީ އާ ޗެލެންޖަކަށް ފުރުސަތު ދޭންވީ ވަގުތު،" ހަޒާޑް ބުނެފައިވެއެވެ.

މީގެ ހަތް އަހަރުކުރިން ފްރާންސްގެ ލިލްއިން ޗެލްސީއަށް ބަދަލުވި ހަޒާޑަކީ ޗެލްސީގެ ތާރީހުވެސް ދުތް އެންމެ މޮޅު ކުޅުންތެރިޔާއެވެ. ޗެލްސީއާއެކު ހަ ޓްރޮޕީ އުފުލާލި ހަޒާޑް ވަނީ 352 މެޗު ކުޅެ، 110 ގޯލްވެސް ޖަހާފައެވެ. އޭގެ އިތުރުން އޭނާއަކީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާކަން އެކި ފަހަރު މަތިން ހަޒާޑް ވަނީ ދައްކާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކުރިއަށް އޮތް ހަފްތާ ތެރޭގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ހަޒާޑް އިއުލާން ކުރާނެއެވެ. އަދި އޭނާ ގެންދަން މިހާރު ދެ ކްލަބުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެސް ގިނަ ރިޕޯޓްތައް ބުނެއެވެ.