ލިވަޕޫލްގެ ކޯޗަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗެވެ. އެތަކެއް އަހަރުތަކެއްގެ ތެރޭގައި އޭނާ އަންނަނީ އެކަން ސާބިތުވެސް ކޮށްދެމުންނެވެ. ކްލޮޕްގެ ކާމިޔާބީތަކަށް އެކަށީގެންވާ ތަށިތަކެއް އޭނާއަށް ނުލިބޭ ކަމަށް އަބަދުވެސް ވާހަކަތައް ދެކެވެމުންދާ އިރު، ކްލޮޕްގެ އެންމެ މުހިއްމު ކަމަކީ، ޓީމެއް ބިނާ ކުރުމެވެ. ޓީމެއްގެ ހާލަތު ބަދަލު ކޮށްލުމެވެ.

ކްލޮޕް ޑޯޓުމަންޑާއެކު ޑޮމެސްޓިކް ދެ ތަށި ނަގާ، 2012 ވަނަ އަހަރު ވިދާލިއެވެ. އެހިސާބުން އޭނާގެ މަސައްކަތް ދުނިޔެއަށް ފެންނަން ފެށިއެވެ. ޑޯޓުމަންޑާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި ނަމަވެސް، ނިމުނީ ބަލިވެގެންނެވެ. އޭގެ އިތުރުން ޖަރުމަނު ކަޕުންވެސް ޑޯޓުމަންޑާއެކު ކްލޮޕް ބައްޔަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ލިވަޕޫލަށް ބަދަލުވީ އާ ޗެލެންޖަކަށެވެ.

ލިވަޕޫލްގެ ހާލަތު އެންމެ ރަނގަޅު ނޫންކޮށް އޭރު އޮތް ނަމަވެެސް، ކްލޮޕް ހާލަތު ބަދަލު ކުރިއެވެ. އެހެން ނަމަވެސް އޭނާއަށް މަދުވީ ހަމައެކަނި ތަށްޓެކެވެ. އޭނާގެ މަސައްކަތަށް ދައްކާނެ ޓްރޮފީއެކެވެ. ލީގުގެ ދެވަނައިގައި ވާދަކުރާ އިރު، ލީގު ކަޕްގެ ފައިނަލެއްގެ އިތުރުން ޔޫރޮޕާ ލީގުގެ ފައިނަލަކުންވެސް ލިވަޕޫލާއެކު ކްލޮޕް ބަލިވިއެވެ. އަދި މިދިޔަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލީ ކްލޮޕަށް ޖެހިޖެހިގެން ހަވަނަ ފައިނަލްގައި ކުރިމަތިވި ނާކާމިޔާބީއެވެ.

"އަހަރެން ގެއަށް ދިޔައިރު ނުރޮއެ ހުރި މީހަކީ އަހަރެން އެކަނި. އަހަރެންގެ އާއިލާއަށް ކޮށްފައިވާ ފުން އަސަރު ފެނުނު. އެކަމަކު ބުނިން މިއީ ފިލާވަޅުތަކެކޭ. އެންމެ މުހިއްމު ކަމަކީ އެ ފިލާވަޅުތަކުން ނަތީޖާ ނެރެން ދަސްކުރުމޭ. އަދި ކާމިޔާބީއަކީ ބުރަ މަސައްކަތްކަން އަހަންނަށް އެނގޭ. އަބަދުވެސް އެއީ ހަޔާތުގެ މޮޓޯއަކީ،" މިރޭގެ ފައިނަލް ކުރިން ކްލޮޕް ބުނެފައިވެއެވެ.

ފައިނަލަށްފަހު ކްލޮޕް ފެނުނީ އުފަލުން ގޮސް ރޮވިފައި ހުރި މަންޒަރެވެ. އޭނާ ބުރަ މަސައްކަތަށް ނިމުމެއް އައީތީވެސް މެއެވެ.

"އަހަންނަށްޓަކައި ކުޅުންތެރިންވި ގުރުބާނީ މިއީ. މިއީ ޕްރޮފެޝަނަލް ކެރިއަރުގައި އެންމެ މުހިއްމު ވަގުތުކޮޅު. އެންމެ އުފާވެރި ވަގުތުކޮޅު. މިއީ ކުޅުންތެރިންނާއި ލިވަޕޫލަށް ހައްގުތަށްޓެއް،" ކްލޮޕް ބުނެފައިވެއެވެ.

މިރޭގެ ޗެމްޕިއަންސް ލީގު ތަށްޓަކީ ލިވަޕޫލްގެ ތާރީހުގައި ހަވަނަ ޗެމްޕިއަންސް ލީގެވެ. މީގެކުރިން ލިވަޕޫލުން ވަނީ 1977، 1978، 1981، 1984 އަދި 2005 އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކާމިޔާބު ކޮށްފައެވެ.