ސްޕެއިންގައި ހުންނަ އެތުލެޓިކޯ މެޑްރިޑްގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި މިރޭ ޓޮޓެންހަމް އާއި ލިވަޕޫލް ބައްދަލުކޮށް ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ތެރެއިން ފެނުނު މަންޒަރަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

އެގޮތުން މިރޭ މި މެޗު ކުރިޔަށްދިޔަ ވަގުތުގައި ސަޕޯޓަރުންގެ ތެރޭގައި ތިބި ބަޔަކު ފަލަސްތީނުގެ ދިދަ ވިހުރުވާލާ މަންޒަރު ފެނި އެތައް ބައެއްގެ ހިތަށް ފިނިކަން ގެނުވިއެވެ. ފަލަސްތީނާއި އެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން މިރޭގެ މެޗުގައި ލިވަޕޫލުގެ ސަޕޯޓަރުންތަކެއް ފަލަސްތީނުގެ ދިދަ ހިފައިގެން ތިބި މަންޒަރު ފެންނަ ފޮޓޯ މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އިސްރާއިލްއިން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ޚަބަރުތައް ގެނެސްދޭ ނެޓުވޯކުތަކުންވެސް މި ފޮޓޯ އާންމުކޮށްފައިވާއިރު، ގިނަ ބައެއްގެ ތައުރީފު އެ ސަޕޯޓަރުންނަށް ވަނީ ލިބިގެން ގޮސްފައެވެ. އަދި ފަލަސްތީނުގައި އިސްރާއިލްގެ އަނިޔާވެރިކަމާއި ކުރިމަތިލަމުންދާ މުސްލިމުން ދަނީ މިރޭގެ މެޗުގައި ދަނޑަށް ދިޔަ އެ ސަޕޯޓަރުން ދުނިޔެއަށް ދައްކައިދިން މަންޒަރަށް ޝުކުރު އަދާ ކުރަމުންނެވެ.

ކުށެއްނެތް ފަލަސްތީނުގެ މުސްލިމުންނާމެދު އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވެރިން ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅުހަދައި، ފަލަސްތީނުގެ ރައްޔިތުންނާއި އެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން މީގެ ކުރިންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބައެއް ފަރާތްތަކުން މިފަދަ ކަންކަން ކޮށްފައި ވެއެވެ.

އެގޮތުން ދާދި ފަހުން އިސްރާއިލްގެ ޓެލް އަވިވްގައި ކުރިޔަށްދިޔަ ބޮޑު ޝޯވް، "ޔޫރޯވިޝަން ސޯންގް ކޮންޓެސްޓް 2019" ގައި ހުށަހެޅި ހުށަހެޅުމެއްގެ ތެރެއިން ވެސް ބަޔަކު ފަލަސްތީނުގެ ދިދަ ވިހުރުވާލާ މަންޒަރު ފެނިގެން އެކަމަށް ގިނަ ބައެއްގެ ތައުރީފު ލިބިގެން ދިޔައެވެ.

އެ ކޮންޓެސްޓުގައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ އޭނާގެ އާ ލަވަ ނެރެމުން އިސްރާއީލަށް ދިން ވަރުގަދަ މެސެޖެއްގައި، ލަވަ ނިންމާލި ވަގުތު ޑާންސް ޓީމްގެ ދެ މެމްބަރަކު އަތުގުޅާލައިގެން ތިބެ ސްޓޭޖުން ފައިބައިގެން ދާއިރު އިސްރާއީލާއި ފަލަސްތީނުގެ ދިދަ އެމީހުންގެ ކޮސްޓިއުމްގައި ކުރަހާފައި ހުރި މަންޒަރަށްވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް އެތައް އާންމުންނާއި މެދު އިހާނެތި އަމަލުތައް ހިންގަމުންދާއިރު، މުސްލިމުންނައި ދެކޮޅަށް އިސްރާއިލް ސިފައިން ހިންގާ ޖަރީމާތަކަކީ މުޅި ދުނިޔެ ދަންނަ ކަމެކެވެ. އިސްރާއީލުގެ މި ލޭއޮހޮރުވުންތަކާއި ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި އދ. އިންވެސް ދެކޮޅު ހަދާއިރު، އިސްރާއީލުން އެކަމަކަށް މާބޮޑު އަހަންމިއްޔަތު ކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    ތޭންކް ޔޫ ލިވަރޕޫލް ސަޕޯރޓަރސް

    28
  2. ހުސޭނުބޭ

    ލިވަރޕޫލް ސަޕޯޓަރުން ތިކަން ކޮށްފާނެ! ޓޮޓެންހަމް ސަޕޯޓަރުން ތިކަން ކުރޭތޯ ބަލާބަލަ! ލަންޑަނުގެ ހުރިހައި ޔަހޫދީންގެ ކްލަބަކީ ޓޮޓެންހަމް!

    19
    1