ލިވަޕޫލުން ހަވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ރޭ ވަނީ ތާރީހުގައި އަނެއްކާވެސް އެ ކްލަބުގެ ނަން ލިޔެލާފައެވެ. ޒަމާންތަކަކަށްފަހު ލިވަޕޫލުން އެނބުރި ޔޫރަޕްގެ ރަސްކަމަށް އައި އިރު، މުޅި ސްކޮޑު ފެނުނީ އަސަރުން އުފަލުން ފޮޅިފައިވާ މަންޒަރެވެ. މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި ރޭ ކުޅުނު ފައިނަލަށްފަހު، ލިވަޕޫލްގެ ކުޅުންތެރިންނަށް ކުރެވުނު އިހުސާސް، އެ ކުޅުންތެރިންނަށްވެސް ބުނެދޭން ދައްޗެވެ.

ކޯޗު ޔާގަން ކްލޮޕްވެސް، ރޭ ފެނުނީ އުފަލުން ގޮސް ރޮވިފައި ހުރި މަންޒަރެވެ. އެތައް ފައިނަލެއްގެ ނާކާމިޔާބީއަށްފަހު، ޔޫރަޕްގެ ރަސްކަމަށް ޓީމެއް ގެނެސްދެވުމާއެކު ކްލޮޕްގެ އެތައް ހުވަފެނެއް ހަގީގަތަކަށްވީއެވެ. ކުޅުންތެރިންނަށް ކުރި އަސަރު މާބޮޑެވެ. ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންގެ ލޮލުންެވެސް، ފަހު ކަށިގަނޑާއެކު ފޭބީ އުފާވެރިކަމުގެ ކަރުނައެވެ.

ރޭގެ މެޗަށްފަހު އުފާފާޅުކުރުމުގެ ތެރެއިން ފެނުން އެންމެ އަސަރު ގަދަ އެއް މަންޒަރަކީ ހެންޑަސަން ގޮސް އޭނާގެ ބައްޕަ ގައިގައި ބައްދާލުމަށްފަހު، ދެބަފައިން އެކު، އެތައް އިރެއް ވަންދެން ރޮމުން ދިޔަ މަންޒަރެވެ. އެ މަންޒަރުގައި އިންތިހާއަށް އަސަރު ހުއްޓެވެ. އެ އަސަރަކީ ހެންޑަސަން އުފުލަން ޖެހުނު ތަކުލީފްތަކުގެ ނަތީޖާ ފޮނުވުމުން، ކުރި އަސަރެވެ.

"އަހަރެން ދުވަސްތަކެއް ކުރިން ކަރުގެ ކެންސަރު ޖެހުނު. އެއީ އަހަރުތަކެއް ކުރިން. އޭރު ހެންޑަސަން ފުޓުބޯޅައިގައި ފައިހަމަ ކުރަމުންދިޔަ މަންޒަރު ފެންނަމުންދިޔަ. އަހަރެން ސިއްރުކުރިން އެތައް ދުވަހެއް ވަންދެން އެކަން. ހެންޑަސަންގެ ކެރިއަރަށް ހުރަހެއް އެޅިދާނެތީ. އެއީ އޭނާގެ ފޯކަސް ގެއްލިދާނެތީ. މިއަދު އެ ބަލިން ރަނގަޅުވެ، މި ފެނުނީ ހެންޑަސަން ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް އުފުލާލިތަން. މިއީ ހުވަފެނެއް. މިއީ އުފަލުން ރޮވުނު މަންޒަރު،" ކުރިްނ ފުލުހުންގެ ވަޒީފާގައި އުޅުނު ހެންޑަސަންގެ ބައްޕަ ރޭ ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އޭނާ ބުނެފައި ވަނީ ހެންޑަސަންގެ ކާމިޔާބީއަށް އިންތިހާއަށް ފަހުރުވެރިވާ ކަމަށާއި، ހެންޑަސަން ގޮވައިގެން ފުރަތަމަ ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް ދިޔަ ދުވަހު އޭނާ ވީ ވައުދަކީވެސް ފައިނަލެއްގައި ކުޅުން ކަމަށެވެ.

"އަހަރެން ހެންޑަސަން ގޮވައިގެން ފުރަތަމަ ފައިނަލަކަށް ދިޔައީ 2002 ވަނަ އަހަރު. އެ ދުވަހު ޗެމްޕިއަންސް ލީގު ރާގު ޖަހަން ފެށުމާއެކު ހެންޑަސަން ބުނެ ފައިނަލެއްގައި ކުޅޭނަމޭ. އަހަރެން މިއަދު ފަހުރުވެރި ވަނީ ދެ ފައިނަލްގައި ކުޅެ، އެއް ތަށިވެސް ނެގީތީ. ހެންޑަސަންއަކީ ބަލިވެއްޖެ ނަމަ ވަރަށް ދެރަވާ ކުޅުންތެރިއެއް. އެކަަމަކު މިއީ އޭނާއަށް ފަސޭހަ ހޫނު މޫސުމަކަށްވާނެ. އާއިލާއެކު އުފާވެރިވާނެ،" ހެންޑަސަންގެ ބައްޕަ ބުނެފައިވެއެވެ.