އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗުގެ ނަން މިއަހަރުގެ މޭއި މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރަން ނިންމައިފިއެވެ.

އިޓަލީގެ ކޯޗުކަމުގެ މަގާމު ހުސްވީ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން އެޓީމުގެ ކޯޗަކަށް ހުރި ޖިއަން ޕިއޭރޯ ވެންޗޫރާ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ. އެޓީމުގެ ކޯޗުކަމުގެ މަގާމު ވަގުތީ ގޮތުން މިހާރު ހަވާލުކޮށްފައިވަނީ އިޓަލީގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ލުއިޖީ ޑި ބިއާޖިއޯއާއެވެ.

ޑި ބިއާޖިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހުގެރޭ އިޓަލީ ވަނީ 0-2 އިން އާޖެންޓީނާ އަތުން ބަލިވެފައެވެ.

އިޓަލީގެ ފުޓްބޯޅަ އިދާރާ އިން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެގައުމުގެ ފުޓްބޯޅަ އިދާރާގެ ވައިސް ކޮމިޝަނަރު އެލެސަންދްރޯ ކޮސްޓަކާޓާ ވިދާޅުވީ ޑި ބިއާޖިއޯ އަށް ވުރެ ރަނގަޅު ކޯޗެއް ލިބިއްޖެނަމަ އެ ކޯޗެއްގެ ނަން މޭއި 20 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.

"އަހަންނަކަށް ހީއެއް ނުވޭ ޑި ބިއާޖިއޯ އަށް ވުރެ ރަނގަޅު މާގިނަ ކޯޗުންތަކެއް ލިބެން މިވަގުތު ހުރި ހެނެއް. އެކަމަކު ޑި ބިއާޖިއޯ އަށް ވުރެ ރަނގަޅު ކޯޗެއް ލިބިއްޖެނަމަ އެ ކޯޗެއްގެ ނަން މޭއި 20 ވަނަ ދުވަހު މީޑިޔާ އާއި އަހަރުމެން ހިއްސާ ކުރާނަން" ކޮސްޓަކާޓާ ވިދާޅުވިއެވެ.

ރަނގަޅު ފެންވަރުގެ ކޯޗެއް ހޯދުމަކީ ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށާއި އިޓަލީގެ މައިގަނޑު އަމާޒު މިހާރު ހުރީ 2020 ވަނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމަށް ރަނގަޅު ޓީމެއް ބިނާކުރުމަށް ކަމަށްވެސް ކޮސްޓަކާޓާ ވިދާޅުވިއެވެ.

އިޓަލީގެ ކޯޗަކަށް ގެންނާނެ ފަރާތެއް މޭއި 20 ވަނަ ދުވަހު އިއުލާން ކުރަން ނިންމާފައިވާއިރު ކާލޯ އެންޗެލޯޓީ އާއި ރޮބާޓޯ މަންޗީނީ އަދި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަކީ އެގައުމުގެ ދާއިމީ ކޯޗުގެ މަގާމަށް ގެންނަން ޝޯޓްލިސްޓްކޮށްފައިވާ ކޯޗުން ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.