އެކުވެރިކަމުގެ މެޗެއްގައި މާދަމާ ރޭ ބްރެޒިލް އާއި ދެކޮޅަށް ކުޅޭ މެޗުގައި ޖަރުމަނުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ތޯމަސް މުލާ އާއި މެސުޓް އޮޒިލް ނުކުޅޭނެއެވެ.

މި ދެ ކުޅުންތެރިން ވެސް ޖަރުމަނުން އެންމެފަހުން ސްޕެއިން އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ކުޅެފައެވެ. އެ މެޗު 1-1 އިން އެއްވަރުވިއިރު ޖަރުމަނުގެ ގޯލު ކާމިޔާބުކޮށްދިނީ މުލާއެވެ.

ބްރެޒިލް މެޗުގައި އޮޒިލް އާއި މުލާ ނުކުޅޭނެ ކަމަށް ޖަރުމަނުގެ ޓީމުން ބުނި ނަމަވެސް ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން އަނިޔާގެ ސަބަބުން އެ މެޗުގައި ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗޭން ވެސް ނުކުޅޭނެއެވެ.

ބްރެޒިލް އާއި ޖަރުމަނު މާދަމާ ރޭ ބައްދަލުކުރާއިރު މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކުރި މެޗު 1-7 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ޖަރުމަނުން ވަނީ ކާމިޔާބުކޮށްފައެވެ.