ބޫތާންއާއި ދެކޮޅަށް މާދަމާރޭ އޭސިއަން ކަޕް ކޮލިފައިން އަށް ރާއްޖެ ނިކުންނަ މެޗަށް މުޙައްމަދު އާރިފް (ބަކާ) އާއި ޒުވާން ކުޅުންތެރިޔާ ނާއިޒް ހަސަން (ދާދު) ހިމަނައިފިއެވެ.

އެންމެ ފަހުން ސިންގަޕޫރާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި މި ދެކުޅުންތެރިން ހިމަނާފައި ނުވުމުގެ ސަބަބުން ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ކޯޗް މިދެކުޅުންތެރިން ހިމަނާ ބޫޓާން މެޗަށް ސްކޮޑު ހާމަކުރިއިރު ސިންގަޕޫރު މެޗުގައި އަނިޔާވެގެން ނުކުޅެވި ހުރި ހުނަރުވެރި ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ވަނީ މިހާރު ޕްރެކްޓިސްގައި ބައިވެރިވާން ފަށާފައެވެ. ދަގަނޑޭއަށް ސިންގަޕޫރާއި ދެކޮޅަށް ކުޅުނު މެޗްގައި ނުކުޅެވުނީ އޭނާގެ އުނަގަނޑުގައި ރިއްސާތީއެވެ.

އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވީ ނަމަވެސް ކޯޗް ބޭނުންވަނީ ރާއްޖޭގެ ފަރާތުން ރީތި މޮޅު ކުޅުމެއް ދައްކާށެވެ. މި މެޗްގައި އާ ގިނަ ކުޅުންތެރިންނަށް ފުރުސަތުދީ އައު ޓެކްޓިކްސްތަށް ކޯޗް ބޭނުންކުރާނެ ކަމަށް ބެލެވެއެވެ.

ސެގްރެޓް ގައުމީ ޓީމާއި ހަވާލުވި ފަހުން ކުޅުނު މެޗް 2-3 އިން ރާއޖެ ބަލިވެފައިވާއިރު ބޫތާން އާއި ދެކޮޅަށް މަދަމާރޭ ނިކުންނަ ގައުމީ ޓީމް ނިކުންނަ މެޗަކީ އޭނާގެ އިރުސާދުގެ ދަށުން ކުޅޭ ދެވަނަ މެޗެއެވެ.

ސެގްރެޓް ވަނީ ދިވެހި ގައުމީ ޓީމް ކުރިއެރުވުމަށްޓަކައި އެތައް މަސައްކަތެއް ކުރާނެ ކަމަށާއި މޮޅު ހުނަރުވެރި ކުޅުންތެރިން ހޯދުމަށްޓަކައި އަތޮޅުތެރެއަށް ގޮސް ކުޅުންތެރިން ހޯދާ ގައުމީ ޓީމް ވަރުގަދަ ކުރާނެ ކަމަށް ބުނެފައެވެ.