ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާ އާއި ނިކަރަގުއާ ކުޅުނު އެކުވެރިކަމުގެ ފަހު މެޗުން މިއަދު ކެޕްޓަން ލިއޮނަލް މެސީގެ ދެ ލަނޑާ އެކު އާޖެންޓީނާ 5-1 އިން މޮޅުވެއްޖެއެވެ.

މެސީ ވަނީ މި މެޗްގައި ޖެހިޖެހިގެން 2 ގޯލް ޖަހާ ދީފައެވެ. އެއީ މެޗްގެ 37 ވަނަ މިނަޓްގަަޔާއި 38 ވަނަ މިނަޓްގައެވެ. އަނެއް ތިން ގޯލުގެ ތެރެއިން ދެ ގޯލް ޖެހީ ޒުވާން ފޯވާޑް ލޮޓާރޯ މާޓިނޭޒެވެ. ފަހު ގޯލް ކޮށްދީފައިވަނީ ރޮބާޓޯ ޕެރެއިރާ އެވެ. ނިކަރަގުއާގެ ހަމައެކަނި ލަނޑު 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ހުއާން ބަރޭރާއެވެ.

އާޖެންޓީނާގެ ތަޖުރިބާކާރު ދެ ފޯވާޑުން ކަމަށްވާ ޗެލްސީގެ ގޮންޒާލޯ ހިގުއައިން އާއި އިންޓަ މިލާނުގެ ކެޕްޓަން މައުރޯ އިކާޑީ ފޯމުން ކަޓާފައިވާތީ ސްކޮޑްގައި ނުހިމެނެއެވެ. ނިކަރަގުއާ ކޮޅަށް މި މެޗުގައި ދެ ލަނޑު ޖެހި ލޮޓާރޯ މާޓިނޭޒަކީ އިކާޑީގެ ބަދަލުގައި އިންޓަގެ ފުރަތަމަ އެގާރައިގައި ވެސް ކުޅުނު ފޯވާޑެވެ.

ބްރެޒިލްގައި މިމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާގައި އާޖެންޓީނާ ފުރަތަމަ މެޗެއްގެ ގޮތުގައި ކުޅެން ބައްދަލު ކުރާނީ ކޮލަމްބިއާ އާއި ދެކޮޅަށެވެ. އެއީ މިމަހުގެ 15 ގައެވެ. އަދި 19 ގައި ދެވަނަ މެޗެއްގެ ގޮތުގައި ޕެރެގުއޭއާ ބައްދަލުކުރާއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގަތަރާ ދެކޮޅަށް ނުކުންނާނީ 23 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު