ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި މިރޭ ނެދަލޭންޑްސް އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެ، ފުރަތަމަ ނޭޝަންސް ލީގުގެ ތަށި ޕޯޗުގަލް އިން އުފުލައިފިއެވެ.

މެޗްގައި ހަމަ އެކަނި ފެނިގެން ދިޔަ ގޯލް ޕޯޗުގަލް އަށް ކާމިޔާބު ކޮށްދީފައިވަނީ މެޗްގެ 60 ވަނަ މިނަޓްގައި ބަނާޑޮ ސިލްވާ ފޯރުކޮށްދިން ބޯޅައަކުން ވެލެންސިއާގެ މެދުތެރެއަށް ކުޅެމުން އަންނަ ގުއެޑެސް އެވެ.

ޕޯޗުގަލް ގައި ކުރިއަށް ދިޔަ މި މެޗްގައި ދެ ޓީމް އިންވެސް ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ. އަދި ދެ ޓީމަށް ވެސް ވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއްވެސް ލިބިފައެވެ. އެހެން ނަމަވެސް މި ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފިފައެއް ނުވެއެވެ.

މި މުބާރާތުގެ 3 ވަނަ އިންގްލޭންޑް އިން ހޯދާފައިވަނީ ސްވިޓްޒަލޭންޑް އާއި ދެކޮޅަށް ކުޅެގެންނެވެ. މި މެޗްގައި ދެޓީމަށް އިތުރު ވަގުތު ދީގެން ލަނޑެއް ކާމިޔާބު ނުވެ ވަނީ ޕެނެލްޓީ ޖަހައިގެން އިންގްލޭންޑް މޮޅުވެފައެވެ. ޕެނެލްޓީ ގައި ސްވިޓްޒަލޭންޑްއަށް ކާމިޔާބުވެފައި ނުވީ އެޓީމްގެ ޑޮސިޕް ޑްރިމިޗް ފޮނުވާލި ޕެނެލްޓީއެވެ. ޕެނެލްޓީ ޖަހައިގެން އިންގްލޭންޑް ސްވިޓްޒަލޭންޑް ކޮޅަށް ކުރި ހޯދީ 6-5 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ލިބިފައިވަނީ ބަނާޑޯ ސިލްވާ އަށެވެ. އަދި ބެސްޓް ޔަންގް ކުޅުންތެރިއަކަށް ހޮވިފައިވަނީ ނެދަލޭންޑްސްގެ ފްރެންކީ ޑި ޖޮންގެވެ.