ދުވާފަރު ޔޫތް މޫވްމަންޓުން އިންތިޒާމް ކޮށްގެން ރ.ދުވާފަރުގައި މިހާރު ކުރިއަށްދާ ދުވާފަރު ފުޓްސަލް ޗެލެންޖްގައި އިއްޔެ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށް އިލަވަން އެޓޭކާރސް މުބާރާތުގެ ފައިނަލްގެ ކުޅެން ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

އިއްޔެ ކުޅުނު މެޗް އިލަވަން އެޓޭކާރސް އިން ކާމިޔާބުކުރީ ދުވާފަރު ޕޮލިސް ޓީމާއި ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގެ ހަތްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިލަވަން އެޓޭކާރސްގެ ޖާޒީ ނަންބަރު 1 އިސްމާޢީލް ނިޔާޒެވެ. މިމޮޅާއެކު އިލަވަން އެޓޭކާރސް ފައިނަލަށް ދަތުރުކުރީ ކުޅުނު ދެމެޗުންވެސް މޮޅުވެގެން ހަޕޮއިންޓް ހޯދައިގެންނެވެ. އަދި މިއަދުގެ މެޗުން ބަލިވުމުން ޕޮލިސް ޓީމް ވަނީ މުބާރާތުން ކަޓާފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިލަވަން އެޓޭކާރސްގެ ކީޕަރ އިބްރާހިމް އަބްދުﷲ އެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ޑާރކްޕާރކާއި ސިލްވަރ ޔުނައިޓެޑެވެ. މިމެޗް ނިމުނީ 2-2 އެއްވަރުވެގެންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުންވެސް މޮޅު ބަލާލަން ރީތި ކުޅުމެއް ފެނިގެން ދިޔައެވެ. މިމެޗުގައި މޮޅަށް ކުޅެ ފުރަތަމަ ލީޑުނެގީ ސިލްވަރ ޔުނައިޓެޑުންނެވެ. އެގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖާޒީ ނަންބަރު 21 އިބްރާހީމް އަޔާޒުއެވެ. ސިލްވަރ ޔުނައިޓެޑް ގޯލް ޖަހާފައި މާގިނައިރުތަކެއް ނުވަނީސް ޑާރކްޕާރކުންވަނީ ގޯލެއް ޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ. މިގޯލް އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަންބަރު 10 ޙަސަން ޝުޖާއު (އޯކޭ) އެވެ.

ދެވަނަ ހާފްގައި ވަރުގަދަޢަށް ސިލްވަރ ޔުނައިޓެޑް ފަށައިގެން މެޗުގެ ކުރީކޮޅު އެޓީމުގެ ޖާޒީ ނަންބަރު 91 އިބްރާހީމް އަޒްމޫން ގޯލެއް ޖަހާ މެޗުގައި ދެވަނަ ފަހަރަށް ސިލްވަރ ޔުނައިޓެޑަށް ލީޑު ހޯދައިދިނެއެވެ. ނަމަވެސް އޭގެ ހަތްމިނެޓް ފަހުން ޑާރކްޕާރކްއިން އުފެއްދި މޮޅު ހަމަލާއަކުން އެޓީމް ޖާޒީ ނަންބަރު 29 އަޙްމަދު ޢީސާ ގޯލެއް ޖަހާ ނަތީޖާ ޓީމަށް އެއްވަރު ކޮށްދިނެވެ.

މެޗުގައި ދެޓީމުންވެސް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ދެޓީމުގެ ކީޕަރުންގެ ފަރާތުން ވަނީ އާދަޔާ ޚިލާފު ހުނަރުވެރި މޮޅު ކުޅުމެއް ފެނިފައެވެ. މިމެޗު ނިމިގެން ދިޔައީ މިނަތީޖާގައި އޮވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަކަށް ހޮވުނީ ޑާރކްޕާރކްގެ ޖާޒީ ނަންބަރު 29 އަޙްމަދު ޢީސާ އެވެ.

މިމުބާރާތުގައި މިއަދު ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް އޮންނާނެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޕޮލިސް ޓީމް އަދި ސިލްވަރު ޔުނައިޓެޑްއެވެ. ދެވަނަ މެޗު، އަދި މުބާރާތުގެ އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ އިލަވަން އެޓޭކާރސް އަދި ޑާރކް ޕާރކްއެވެ. ޕޮލިސް ޓީމް މުބާރާތުން ކަޓާފައިވީނަމަވެސް ޑާރކްޕާރކް އަދި ސިލްވަރ ޔުނައިޓެޑަށް މުބާރާތުގެ ފައިނަލް ދަތުރުކުރުމުގެ ފުރުސަތު އެބަ
އޮތެވެ. އެހެންކަމުން މާދަމާ ކުޅޭ މެޗުތަކަކީ ފޯރިގަދަ މެޗުތަކެއް ކަމުގައި ވާނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު