އާސެނަލްގެ ތަރި މެސުޓް އޮޒިލްގެ ކާވެނީގެ އުފަލުުގައި ސާޖަރީ ހަދަން ބޭނުންވެފައި ތިބި 1000 ކުދިންނަށް ހިލޭ ސާޖަރީ ހައްދައިދޭން ނިންމައިފިއެވެ.

އޮޒިލްވަނީ ބިގްޝޫއާއި އެކު އޭނާގެ ދެމަފިރިން ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓަށް ހުރިހާ ފަރާތްތަކަށް ދައުވަތު ދީފައެވެ. ބިގްޝޫއަކީ ސްވިސް އަދި ޖަރުމަނުގެ މޮޅެތި ޑޮކްޓަރުންނާއި އެކު ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި ތިބި ސާޖަރީ ހަދަން ބޭނުން ވެފައި ތިބި ކުދިންނަށް ފުރިހަމަ ހިދުމަތް ދެމުން އަންނަ ބައެކެވެ. ސޯޝަލް މީޑިއާގައި ވެސް ބިގްޝޫވަނީ ވަރަށް މަޝްހޫރު ވެގެން ގޮސްފައެވެ.

އޮޒިލް ވަނީ އެންމެ ފަހުން ބޭއްވިގެން ދިޔަ ދެ ވޯލްޑް ކަޕްގައިވެސް ބިގްޝޫ އާއި އެކީ މަސައްކަތް ކޮށް އެކަން އާންމުންގެ ސަމާލު ކަމަށް ގެނެސްފައެވެ.

"އަހަރެން މި ހުރީ ސާޖަރީ ހަދަން ބޭނުންވާ 1000 ކުދިންނަށް އެހީވާން ތައްޔާރަށް" އޮޒިލް ޓްވިޓާގައި ބުނެފައިވެއެވެ.

އިތުރަށް އޮޒިލް ބުނެފައިވަނީ ސާޖަރީގެ އިތުރުންވެސް އިތުރު ބަލިތަކަށް ފަރުވާ ލިބެންޔާ އޭނާ ހުރީ އެކަމަށް އެހީ ވާން ތައްޔާރުވެގެން ކަމަށެވެ.

އާސެނަލް އާއި އެކީ އެހާ ރަނގަޅު ކުރިއެރުމެއް ފެނިފައިނުވިއަށް ކަމަކު އޮޒިލް އޭނާގެ ކޮންޓްރެކްޓް މިދިޔަ ފާއިތުވި ފެބްރުއަރީ މަހު އާކޮށްފައިވަނީ އޭނާގެ ސަޕޯޓަރުންގެ ފުރިހަ އެއްބާރުލުން ލިބި، ސަޕޯޓަރުން އޭނާގެ ތަފާތު ކުޅުން ދެކެން ބޭނުންވާތީ ކަމަށެވެ. އޮޒިލް އަކީ ހަފްތާ އަކު 350،000 ޕައުންޑް މުސާރައެއްގެ ގޮތުގައި ލިބިގެންދާ ކުޅުންތެރިއެކެވެ.