ބާސެލޯނާގެ މެދުތެރެއަށް ކުޅެމުން އަންނަ ފިލިޕޭ ކޫޓީނިއޯގެ ދެ ލަނޑާއި އެކު، 3-0 ގެ ނަތީޖާއަކުން ބޮލީވިއާ ބަލިކޮށް ބްރެޒިލް ކޮޕާ އެމެރިކާ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ކޮޕާ އެމެރިކާ އަކީ ދެކުނު އެމެރިކާގެ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތް ބާއްވަނީ ބްރެޒިލްގައެވެ. ބްރެޒިލް ޓީމުގެ ތަރި ނޭމާ އަށް އަނިޔާވުމުގެ ސަބަބުން އޭނާ ވަނީ މުބާރާތުން އަލްވަދާއު ކިޔާފައެވެ.

މެޗްގެ ފުރަތަމަ ހާފްގައި ބްރެޒިލް އިންވަނީ ބޮލީވިއާ އަށް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. ބްރެޒިލް އަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮއްދީފައިވަނީ މެޗްގެ ދެވަނަ ހާފްގައި ލިބުނު ޕެނެލްޓީއަކުން ކޫޓީނިއޯއެވެ. މި ޕެލްޓީ އަކީ ރެފްރީ ވީއޭއާރު ބަލާފައި ދީފައިވާ ޕެލްޓީއެކެވެ.

ބްރެޒިލްގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮއްދީފައިވަނީ ވެސް ކޫޓީނިއޯ އެވެ. މި ލަނޑު ކޫޓީނިއޯ ޖަހާދީފައިވަނީ ރޮބާޓޯ ފިރުމީނޯ ގޯލް ކުރިމައްޗަށް ނަގައިދިން ހުރަހަކުން ބޮލުން ޖަހައިއެވެ. ބްރެޒިލްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެޗްގެ 85 މިނެޓްގައި އެވަޓަންއެވެ.

މި މުބާރާތުގެ ދެވަނަ މެޗްގައި މިރޭ ބައްދަލުކުރަނީ ވެނެޒުއޭލާ އާއި ޕެރޫ އެވެ. މިފަހަރުގެ މުބާރާތުގައި ހާއްސަ މެހެމާނުންގެ ގޮތުގައި، އޭޝިއާގެ ޗެމްޕިއަން ގަތަރާއި ރަނަރަފު ޖަޕާނަށް ވަނީ ފުރުސަތު ދީފައެވެ.

މި މުބާރާތުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ޓެކްނޮލަޖީ ބޭނުން ކުރެ އެވެ.