ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ބަލާލައިގެން، މި އަހަރު އޮންނަ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށް ޓިކެޓް ހޯދޭނެ ފުރުސަތެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފިއެވެ.

އެފްއޭއެމް އިން ބުނެފައިވަނީ މުބާރާތުގެ ތިން ބުރުގެ މެޗްތަށް ބެލުމަށް ޓިކެޓް ގަނެގެން، ކޮންމެ ބުރަކުން ނަސީބުވެރި، އެއް ސަޕޯޓަރަކު، ރާއްޖޭން ބޭރުގައި ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ވޯލްޑް ކަޕް ނުވަތަ އޭޝިއަން ކަޕް ކޮލިފައިން މެޗެއް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން މިއަންނަ މަހުގެ 17 ގައި އޮންނައިރު މުބާރާތުގެ ކޮލިފައިން މެޗްތަށް މި އަހަރުގެ ފަހުކޮޅުގައި ބޭއްވިގެންދާނެއެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް އެފްއޭއެމުން ޓިކެޓް ވިއްކަނީ 10ރ. އަދި 20ރ. އަށެވެ. އެއީ ގަލޮޅު ދަނޑާ ވީ ފަޅީގެ ސިޑިބަރިންނާއި ގޮނޑިބަރި ތަކުންނެވެ.

ފާއިތުވެގެން ދިޔަ އަހަރުތަކުގައި މެޗްތަށް ބެލުމަށް ދަނޑަށް ހިލޭ ވަދެވުނެވެ. އެހެންނަމަވެސް މިހާރު އެގޮތަށް އަމަލެއް ނުކުރެއެވެ. އެފްއޭއެމުން މިދިޔަ މާޗް މަހު ފާސްކޮށްފައިވާ ބަޖެޓުގައި ޓިކެޓް އާމްދަނީގެ ގޮތުގައި ވަނީ 405،000ރ. ހިމަނައިފައެވެެ. އެފްއޭމުން ވަނީ މީގެ ކުރިން ކްލަބްތައް މެދުވެރިކޮށް ސަޕޯޓަރުންނަށް ސީޒަން ޓިކެޓް ވިއްކާފައެވެ. އެހެން ކަމުން މިފަހަރުވެސް ކްލަބް ތަކާއި ގުޅިގެން ސަޕޯޓަރުން މެޗްބަލަން ދަނޑަށް ވަންނަނަން މަސައްކަތް ކުރާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

ޕްރިމިއާ ލީގުގެ މެޗްތަށް ރޭފަށާފައިވާ އިރު ފުރަތަމަ ބައްދަލުކޮށްފައިވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ފ. ނިލަންދޫއެވެ. މިއަދު ހަވީރު ކުޅޭނީ ވިކްޓަރީ އާއި ޓީސީ އެވެ. އަދި މިރޭ ޔުނައިޓެޑް ވިކްޓަރީ ނުކުންނާނީ ށ.ފޯކައިދޫއާ ދެކޮޅަށެވެ. މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭގެ މެޗްތަށް ފެށުމުގެ ކުރިން ކުޑަކުދިންގެ ހަރަކާތްތަކާއި މިއުޒިކް އާއި އެކުގައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ﷲޑށ

    ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް އެފްއޭއެމުން ޓިކެޓް ވިއްކަނީ 10ރ. އަދި 20ރ. އަށެވެ. އެއީ ގަލޮޅު ދަނޑާ ވީ ފަޅީގެ ސިޑިބަރިންނާއި ގޮނޑިބަރި ތަކުންނެވެ