ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމަންޓުގެ ހޯސްޓް ސިޓީއަކަށް އައްޑޫސިޓީ ހަމަޖެހިއްޖެއެވެ.

އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ބައިނަލް އަޤުވާމީ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރާނެއެވެ.

މިމުބާރާތް އައްޑޫސިޓީގައި ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އިއްޔެ އައްޑޫސިޓީ ކައުންސިލާއި، އެފްއޭއެމް، ޔޫތު މިނިސްޓްރީ، ޕޮލިސް، އެމްއެންޑީއެފް، އެމްޕީއެލް، އެޗްއާރުއެޗް އަދި އެމްޕީއެލްގެ އިސްވެރިން ވަނީ ބައްދަލުކޮށް މަޝްވަރާ ވެސް ކުރައްވާފައެވެ.

މިބައްދަލުވުމުގައި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިޙްސާން އަބްދުލް ޢަނީ މައުލޫމާތު ދެއްވި ގޮތުގައި ޖުލައި މަހުގެ 18 ވަނަ ދުވަހު މިމުބާރާތުގައި ވާދަ ކުރާ ޓީމުތަަށް އައްޑޫސިޓީއަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

އިހްސާން ވިދާޅުވީ، މިމުބާރާތުގެ ސަބަބުން އައްޑޫގައި ފުޓްބޯޅައަށް އޮންނަ ފޯރި އިތުރުވެ އައްޑޫއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ޒުވާން ކުޅުންތެރިންނަށް ވީހާވެސް ބޮޑަށް އިންޓަނޭޝަނަލް އެކްސްޕޯޝާ ދިނުން ކަމަށެވެ.

ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމަންޓް ކުރިއަށް ދާނީ ޖުލައި މަހުގެ 20 ވަނަ ދުވަހުން 29 ވަނަ ދުވަހާ ހަމައަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު