އެކުވެރިކަމުގެ މެޗެއްގައި ރޭ ނެދަލޭންޑްސް އާއި ބައްދަލުކޮށް 0-3 އިން ޕޯޗުގަލް ބަލިވެއްޖެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ޕޯޗުގަލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 11 ވަނަ މިނެޓްގައި މެމްފިސް ޑެޕާއި ވަނީ ނެދަލޭންޑްސް އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 32 ވަނަ މިނެޓްގައި ރަޔަން ބަބެލް ނެދަލޭންޑްސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެންޑައިކް ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ޕޯޗުގަލް އިން ދެވަނަ ހާފްގައި ކުޅުން ރަނގަޅު ކުރިއިރު އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 61 ވަނަ މިނެޓްގައި ކަންސެލޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ. ކަންސެލޯ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ނެދަލޭންޑްސްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ދެވަނަ ހާފްގައި ޕޯޗުގަލް އިން ގޯލްޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް ވަނީ ހިފޭގޮތް ނުވެފައެވެ.

ރޭގެ މެޗުން ޕޯޗުގަލް ބަލިވިއިރު އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލު ޖެހުމުގެ ސިލްސިލާ އަށް ވެސް މިހާރު ވަނީ ނިމުން އައިސްފައެވެ. ރޮނާލްޑޯ ވަނީ އެންމެފަހުން އޭނާ ކުޅުނު ނުވަ މެޗުގައި ޖުމްލަ 17 ގޯލު ކާމިޔާބުކޮށްފައެވެ.

ޖޫން މަހު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އެކުވެރިކަމުގެ މެޗުތައް ޓީމުތަކުން ކުޅެމުންދާއިރު ވޯލްޑް ކަޕްގައި ޕޯޗުގަލް ލައްވާލާފައިވަނީ ގްރޫޕް ބީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ސްޕެއިން އާއި މޮރޮކޯގެ އިތުރުން އިރާންއެވެ.

ރޭ ޕޯޗުގަލް އަތުން މޮޅުވި ނެދަލޭންޑްސް މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައެއް ނުވެއެވެ.