އިނގިރޭސި ޗެމްޕިއަންޝިޕްގެ ކްލަބު ބްރިމިންގްހަމް ސިޓީ އިން އެ ކްލަބުގެ މެނޭޖަރުގެ މަގާމުގައި ހުރި ގެރީ މޮންކް ވަކިކޮށްފިއެވެ.

މި މަގާމުން 40 އަހަރުގެ ގެރީ މޮންކް ވަކިކުރުން އެއީ އެ ކްލަބުގެ ދުރު ރާސްތާ މުސްތަގުބަލަށް ބަލައި އެންމެ ރަނގަޅު ގޮތް ކަމަށް ކްލަބުގެ ބޯޑް އޮފް ޑައިރެކްޓާސް އިން ވަނީ ނިންމައިފައެވެ. އެ ކްލަބުން އެކަން އަންގައި ނެރުނު ނޫސް ބަޔާނުގައި ވާގޮތުން އެ މަގާމާއި މިހާރު ހަވާލުވެފައި ވަނީ ސްޕެއިންގެ ކޯޗެއް ކަމުގައިވާ ޕެޕް ކްލޮޓެޓް އެވެ.

ނިމިދިޔަ ސީޒަނުގައި 46 މެޗުން 52 ޕޮއިންޓާއި އެކު ތާވަލުގެ 17 ވަނަ ބްރިމިންގްހަމަށް ހޯދައިދިން ގެރީ މޮންކު އެ ކްލަބާއި އަލްވަދާއު ކިޔައިފައި ވާއިރު އެ ކްލަބުން ވަނީ އޭނާ ކޮށްދިން ބުރަ މަސައްކަތް ތަކަށް ޝުކުރު އަދާކޮށް ކުރިމަގުގައި ރަނގަޅު ކެރިއަރަކަށް އެދޭކަމަށް ބުނެފައެވެ. ގިނަ ގޮންޖެހުން ތަކަކާއި އެކުވެސް މި ސީޒަނުގައި 17ވަނަ ހޯދުމުން ކްލަބުގެ ސަޕޯޓަރުން ތިބީ މޮންކުއާއި މެދު ހިތްހަމަޖެހިފައެވެ.

ކްލަބުގެ މިހާރުގެ ކޯޗް ޕެޕް ކްލޮޓެޓް އަކީ މީގެ ކުރިން އެސްޕަނިޔޯލް، ކޯނެއްލާ އަދި މަލާގާ ފަދަ ކްލަބްތަކުގެ ބީ ޓީމަށް އިރުޝާދު ދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ. ކުލަބުގެ ނޫސް ބަޔާނުގައި ވާގޮތުން އެ ކްލަބުން ބޭނުންވަނީ ޕެޕްގެ ބެލުމުގެ ދަށުން ނަތީޖާ ރަނގަޅުކޮށް، ޒުވާން ޓީމުގައި ތިބި ކުޅުންތެރިންނަށް ފެންވަރު ރަނގަޅު ތަމްރީންތައް ދީ، އެ ކުޅުންތެރިން ސީނިއާ ޓީމުން ފެނުން ކަމަށް ވަނީ ބުނެފައެވެ.

ކުޅިވަރުގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އަންނަ ސީޒަނުގައިމި ބަދަލުގެ ތަފާތު ފެންނާނެއެވެ.