މެކްސިކޯގެ އެއްވެސް ކުޅުންތެރިއަކަށް މެސީއާއި ވާދަކޮށް ނުލެވޭނެ ކަމަށް ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރ އިވަން ރަކިޓިކް ބުނެފިއެވެ.

މެކްސިކޯއާއި ދެކޮޅަށް ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ކުރިން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ރަކިޓިކް ބުނެފައިވަނީ މެސީއަކީ ފުޓްބޯޅައިގެ ތާރީހުގައިވެސް އެންމެ މޮޅު ކުޅުންތެރިޔާކަމަށާއި މެސީއާއި ވާދަކޮށްލެވޭ ފެންވަރުގެ ކުޅުންތެރިއެއް މެކްސިކޯގައި ނެތް ކަމުގައެވެ.

"މެސީއަކީ ތަފާތު މޮޅު ކުޅުންތެރިއެއް. މެސީއާއި ވާދަކޮށްލެވޭ ފެންވަރުގެ ކުޅުންތެރިއެއް ނެތް މެކްސިކޯ ޓީމުގައެއް. އެއީ މެސީއަކީ ފުޓްބޯޅައިގެ ތާރީހުވެސް ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާތީ" ރަކިޓިކް ބުންޏެވެ.

އާޖެންޓީނާއަކި ވަރުގަދަ ޓީމެއް ކަމަށާއި މެސީއާއި އެކު އާޖެންޓީނާއަށް ވޯލްޑްކަޕްގެ ތަށި އުފުލާލެވިދާނެ ކަމަށްވެސް ރާކިޓިކް ވަނީ ބުނެފައެވެ.

މެސީއާއި އެއްކޮށް ކުޅުމަކީ ލިބޭ ފަހުރެއް ކަމަށާއި އެންމެ އުނދަގޫ ކަމަކީ މެސީއާއި ދެކޮޅަށް ކުޅުން ކަމުގައިވެސް ރާކިޓިކް ބުންޏެވެ. އަދި މެސީއަކީ އެހެން ކުޅުންތެރިންނަށް ހުރި ނަމޫނާއެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރާކިޓިކް ވަނީ މީގެ ކުރިންވެސް މެސީއަށް ތައުރީފުކޮށްފައެވެ. އެއިރު ރާކިޓިކް ބުނީ މެސީއަކީ އެހެން ދުނިޔެއަކުން އައިސްފައި ހުރި ކުޅުންތެރިއެއް ކަމަށެވެ.

ވޯލްޑްކަޕް ފެށެން ކުޑަތަންވަމުންދާއިރު ވޯލްޑްކަޕްއަށް ތައްޔާރުވުމުގެ ގޮތުން ގައުމުތަކުން އަންނަނީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތަށް ކުޅެމުންނެވެ.