ބޭނުންވަނީ އެނބުރި ގެއަށް (ބާސެލޯނާ) އަށް ދާން ކަމަށާއި ގެއިން ނުކުމެވުނީތީ ހިތާމަ ކުރާ ކަމަށް ޕެރިސް ސެއިންޓް ޖަމަން (ޕީއެސްޖީ) ގެ ތަރި ނޭމާ ބުނެފިއެވެ.

ނޭމާ އާއި ޕީއެސްޖީ އާއި ދެމެދު ބޮޑެތި ހިޔާލް ތަފާތުވުން ތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި އެ ކްލަބުގެ ރައީސް ނައްސިރު އަލް ޙިލާފީ ގާތު ނޭމާ އެނބުރި ބާސެލޯނާ އަށް ދާން ބޭނުންވާކަން ހާމަ ކޮށްފައި ވާއިރު، ރިޕޯޓްތައް ބުނާ ގޮތުން ނޭމާ އަންނަނީ ކުރިން އެ ސިޓީގައި އޭނާ ދިރިއުޅުނު ގެ އަލުން ގަނެވޭތޯ މަސައްކަތް ކުރަމުންނެވެ.

2017 ވަނަ އަހަރު 222 މިލިއަމް ޔޫރޯގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ އެއްވެސް ކްލަބަކަށް ވިއްކާލާނީ އެންމެ މަދުވެގެން 300 މިލިއަން ޔޫރޯ އަށް ކަމަށް ބާސާ އިން ވަނީ ބުނެފައެވެ. ނަމަވެސް އެ ކްލަބުން ޕީއެސްޖީ އަށް އެންމެ ފަހުން ކުރި ހުށަހެޅުމުގައި ވަނީ 100 މިލިއަން ޔޫރޯގެ އިތުރުން ޑެމްބެލޭ، އުމްޓިޓީ ނުވަތަ ރަކިޓިޗް އެވެ.

ނޭމާ އެނބުރި ބާސާ އަންނަން އުޅޭ ކަމުގެ ހަބަރު ލިބުމުން އޭނާގެ ކުރީގެ ޓީމް މޭޓް ލުއިސް ސުއަރެޒް ބުނެފައި ވަނީ ނޭމާ އާއި އެއްކޮށް ކުޅެން އެންމެންވެސް ބޭނުން ވާނެ ކަމަށް ބުނެފައެވެ. އަދި ބާސާގެ ތަރި ލިއޮނަލް މެސީ އެ ކްލަބަށް ނޭމާ އެނބުރި ގެންނަން ރައީސް ގާތު ބުނެފައިވާ ކަންވެސް ވަނީ ހާމަ ވެފައެވެ.