ޕެރިސް ސެއިންޓް ޖަމަން (ޕީއެސްޖީ) ދޫކޮށްދާން ބޭނުންވާކަން ހާމަކޮށްފައިވާ ނޭމާ އާއި ރެއަލް މެޑްރިޑްގެ ތަރި ކަރީމް ބެންޒެމާ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް އާއްމުވުމުން، ބެންޒެމާ ހަރަކާތް ތެރިވަނީ ނޭމާ ރެއަލް މެޑްރިޑަށް ގެންދިއުމަށް މަސައްކަތް ކުރާ އޭޖެންޓެއްގެ ގޮތުގައި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

2017 ވަނަ އަހަރު ބާސެލޯނާ އިން ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ ޕީއެސްޖީ އަށް ދެވުމަކީ އޭނާ އަށް ހެދުނު ގޯހެއް ގަބޫލު ކުރާ އިރު، ދާދި ފަހުން އޭނާ ވަނީ އެނބުރި ބާސެލޯނާ އަށް ދާން ބޭނުންވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް، ނޭމާ ރެއަލް މެޑްރިޑަށް ދާން ބޭނުންވާ ކަމުގެ އިޝާރާތްތަކެއް ވެސް ވަނީ ފެނިފައެވެ.

އިތުރަށް ޕީއެސްޖީ އަށް އެންމެ މެޗެއްވެސް ކުޅެން ދެކޮޅު ހަދާފައިވާ ނޭމާ މިހާރު ބޭނުންވަނީ ވީހައިވެސް އަވަހަކަށް ކްލަބު ބަދަލުވާށެވެ. ނަމަވެސް އޭނާ ބަދަލު ވާނީ ކޮން ކްލަބަކަށް ކަން އަދި އިނގިފައި ނުވާ އިރު، ބާސެލޯނާ އިން ވަނީ 90 މިލިއަން ޕައުންޑުގެ އިތުރަށް ފްލިޕޭ ކޮޓީނިއޯ ނޭމާގެ ބަދަލުގައި ދޭން ނިންމައިފައެވެ. އަދި ރެއަލް މެޑްރިޑުން ވަނީ 115 މިލިއަން ޕައުންޑުގެ އިތުރަށް ގެރެތް ބޭލް ނުވަތަ ޖޭމްސް ރޮޑްރިގޭޒް ނޭމާގެ ބަދަލުގައި ދޭން ނިންމާފައެވެ.

ރެއަލް މެޑްރިޑްގެ ކޯޗް ޒައިނެއްދީން ޒިދާން އާއި ނޭމާ އާއި ވަރަށް ކުރިން ފެށިގެން އެ ކްލަބަށް ބަދަލުވާ ވާހަކަ ދެއްކި ނަމަވެސް އެކަން އަދި ވާގޮތެއް ނުވެއެވެ. އެހެނަސް، ބެންޒެމާ އާއި ނޭމާ ދިމާ ކުރުމުން ގިނަ ބަޔަކު ބުނަމުން އަންނަނީ ބާސެލޯނާ އަށް ނުގޮސް މިފަހަރު ނޭމާ ރެއަލް މެޑްރިޑަށް ގޮސްދާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެން

    ނޫނީ ހަމަ ވެދާނު ބެންޒެމާ ޕީއެސްޖީ އަށް ބަދަލު ވެފަ ނޭމާ ރެއަލް އަށް ކަމަށް.... ލައިކް ދެޓްސް ދަ ޑީލް؟