މި މަހުގެ 15 އިން ފެށިގެން އަންނަ ޖުލައި މަހުގެ 7ގެ ނިޔަލަށް އެމެރިކާ، ޖެމައިކާ އަދި ކޮސްޓަ ރިކާގައި ކުރިއަށް ދާ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކެނެޑާ އާއި މެކްސިކޯ ބައްދަލު ކުރި މެކްސިކޯ އިން ކާމިޔާބު ކޮށްފިއެވެ.

16 ޓީމަކުން ބައިވެރި ވެގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ކެނެޑާގެ މައްޗައް މެކްސިކޯ އިން ކުރި ހޯދީ 3-1ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ގިނައިން ބޯޅަ ހިފައްޓައިގެން ކުޅެފައި ވަނީވެސް މެކްސިކޯ އިން ކަމުގައި ވާއިރު، މީގެ ކުރިން ކިއުބާ އާއި ބައްދަލު ކުރި މެޗު މެކްސިކޯ ކާމިޔާބު ކޮށްފައި ވަނީ 7-0ގެ ނަތީޖާ އަކުންކަން ފާހަގަ ކޮށްލެވެއެވެ.

މިއީ މި މުބާރާތް ބާއްވާ 15 ވަނަ އަހަރު ކަމުގައި ވާއިރު، މެކްސިކޯ އިން ވަނީ 7 ފަހަރު މުބާރާތުގެ ތަށި އުފުލައިލާފައެވެ. އަދި މި އަހަރުގެ ފެވަރިޓުންގެ ގޮތުގައި އޮތީވެސް ހަމަ މެކްސިކޯއެވެ.

މެކްސިކޯ ހިމެނޭ ގްރޫޕް އޭގެ އެއްވަނާގައި 6 ޕޮއިންޓާއި އެކު އެ ޤައުމު ކުރީގައި އޮތް އިރު، 3 ޕޮއިންޓާއި އެކު 2 ވަނާގައި އޮތީ ކެނެޑާ އެވެ. އަދި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ނަމަވެސް ގޯލްގެ ތަފާތުން 3 ވަނާގައި މާޓިނީކް އޮތް އިރު އެއްވެސް ޕޮއިންޓަކާއި ނުލައި ތާވަލްގެ އެންމެ ފުލުގައި އޮތީ ކިއުބާ އިންނެވެ.

މެކްސިކޯ އާއި މާޓިނީކް ބައްދަލު ކުރާ މެޗު އާދިއްތަ ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.