ނިމިދިޔަ ޗެމްޕިއަންސް ލީގުން ވިދާލި ނެދަލޭންޑަށް ނިސްބަތްވާ ޒުވާން ޑިފެންޑަރު މެތިއެސް ޑި ލިޓްވެސް ދާން ބޭނުން ވަނީ ޖުވެންޓަސް އަށްކަން މީޑިއާތަކުން ހާމަކޮށްފިއެވެ.

ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށްޓަކައި ޔުވެންޓަސްއިން ސްކޮޑު ވަރުގަދަ ކުރަމުން އަންނަ އިރު، އެ ކްލަބުގެ ކުރީގެ ތަރި ޕައުލް ޕޮގްބާ ވެސް ވަނީ އެނބުރި ޔުވެންޓަސް އަށް ޝައުގުވެރިކަން ހުރި ކަމަށް ބުނެފައެވެ.

މެތިއެސް ހޯދުމަށްޓަކައި ބާސެލޯނާއާއި ޕީއެސްޖީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްވެސް ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް 19 އަހަރުގެ މެތިއެސް ބުނެފައި ވަނީ އުމުރުން ހަނގު އިރު، ފައިސާ ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ގަވާއިދުން ކުޅެން ލިބޭނޭ ކްލަބަކަށް ގޮސް ތަޖުރިބާ ހޯދަން ކަމަށެވެ.

ޔުވެންޓަސްއަށް ދާން ބޭނުންވާ ކަމަށް މެތިއެސް ބުނެފައި ވާއިރު، ނޭޝަންސް ލީގުގެ ފައިނަލް މެޗައް ފަހު ރޮނާލްޑޯ ވަނީ މެތިއަސް ގާތު އެކްލަބަށް އައުމަށް އެދިފައެވެ. ރޮނާލްޑޯއާއެކު ޕޮގްބާ އަދި މެތިއެސް ޔުވެންޓަސް އިން ފެނިގެން ގޮސްފިނަމަ އެ ކްލަބް ވަރަށް ވަރުގަދަ ވާނޭ ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ނޭޝަންސް ލީގަށް ފަހު މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ މެތިއެސް ޕީއެސްޖީ އަށް ގެންދިއުމަށް ޓަކައި އެ ކްލަބުގެ މެނޭޖްމަންޓުން ވަނީ މެތިއެސް އާއި އޭނާގެ ލޯބިވެރިޔާއަށް ޕެރިސްގެ ޓުއާ އެއްވެސް ދީފައެވެ. ނަމަވެސް ޕެރިސްއަށް ބަދަލުވުމުގެ ވިސްނުމެއް މެތިއެސްގެ ނެތެވެ.

62 މިލިއަން ޕައުންޑަށް ޖުވެންޓަސް އަށް ދިއުމަށް މެތިއެސް އެއްބަސް ވާނެ ކަމަށް މީޑިއާއިން ބުނާ އިރު، އޭނާގެ އޭޖެންޓު ވެސް ބޭނުން ވަނީ މި ޓްރާންސްފާ ނިންމުމަށް ކަމަށް ހަބަރުތައް ބުނެއެވެ.