ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއެކު ދެ ސީޒަން ހޭދަކުރުމަށްފަހު، އެ ކްލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށް ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭސް އިއުލާން ކޮށްފިއެވެ.

އުމުރުން 36 އަަރުގެ އަލްވޭސްއަކީ މިހާރު ބްރެޒިލް ގައުމީ ޓީމުގެ ކެޕްޓަނެވެ. މީގެ ކުރިން ބާސެލޯނާ އަދި ސެވިއްޔާއަށްވެސް ކުޅުނު އަލްވޭސް ވަނީ ޔުވެންޓަސްގައިވެސް ދުވަސްތަކެއް ހޭދަކޮށްފައެވެ. ރޭ ބްރެޒިލުން ކުޅުނު ކޮޕާ އެމެރިކާ މެޗުގައި ގޯލްވެސް ޖެހި އަލްވޭސް މިހާތަނަށް 73 މެޗު ޕީއެސްޖީއަށް ކުޅެފައިވާ އިރު، އޭނާ އެންމެ ގިނަ ކާމިޔާބީތަކެއް ހޯދާފައި ވަނީ ބާސެލޯނާގައެވެ.

އަލްވޭސް އިންސްޓާގްރާމްގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ހަޔާތުގައި ކޮންމެ ކަމެއްވެސް ނިމޭނެ ކަމަށާއި، ޕީއެސްޖީއާއެކު އޭނާ ކުރި ދަތުރުވެސް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި ދަނޑުމަތީގައި އޭނާއަށް އެންމެ އެކަށޭނެ ކުޅުން ނުދެއްކި ވާނަމަ، އެކަމަށް މާފަށް އެދޭ ކަމަށާއި، ޕީއެސްޖީއާއެކު އޭނާ ހޭދަކުރީ ހިތްހަމަ ޖެހޭ ދުވަސްތަކެއް ކަމަށެވެ.

ޕީއެސްޖީއާއެކު އަލްވޭސް ވަނީ ފްރާންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން، ފްރާންސް ކަޕް އަދި ލީގު ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އަލްވޭސްގެ މެސެޖުގައި އޭނާ ދެން ކުޅޭނެ ކްލަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ލަފާކުރެވޭ ގޮތުގައި އަލްވޭސް އޭނާ ދެން ކުޅޭނެ ކްލަބެއް ހާމަކުރާނީ ގައުމީ ޓީމާއެކު ކުރިއަށްދާ ކޮޕާ އެމެރިކާގެ ފަހުގައެވެ.