ޔުވެންޓަސްގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި މައުރީޒިއޯ ސާރީ އާއި އެކްލަބުގެ ތަރި ކްރިސްތިއާނޯ ރޮނާލްޑޯގެ ބައްދަލުވުން ލަގްޒަރީ ޔޮޓެއްގައި ކުރިއަށް ގެންގޮސްފިއެވެ.

ޔޫއެފާ ނޭޝަންސް ލީގް ޕޯޗުގަލް އަށް ކާމިޔާބު ކޮށްދިނުމަށް ފަހުގައި ރޮނާލްޑޯ އޭނާގެ އާއިލާ އާއި އެކު ޗުއްޓީ ހޭދަ ކޮށްލުމަށްޓަކައި ގްރީސްގެ ނަވަރީނޯގައި ހުރި އިރު، ސާރީ ވަނީ އިޓަލީގައި ހުރެ، ރޮނާލްޑޯ އާއި ބައްދަލު ކުރުމަށްޓަކައި ގްރީސް އަށް ގޮސްފައެވެ.

ރޮނާލްޑޯ އާއި ސާރީއާއި ދެމެދު އައު ސީޒަނަށް ތައްޔާރުވުމުގެ ވާހަކަތައް ދެކެވިފައި ވާއިރު، ސާރީ ބުނެފައި ވަނީ ފެށޭ ސީޒަނުގައި ރޮނާލްޑޯގެ ފަރާތުން މަދުވެގެން 40 ގޯލު ފެންނަން ބޭނުންވާ ކަމަށެވެ. މިވަގުތު ސީރިއާ އޭގެ އެއް ސީޒަނުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު އޮތީ 36 ގޯލާއެކު ގޮންޒާލޯ ހިގުއައިން އަތުގައެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ހިގުއައިން އެ ރެކޯޑް ހެދީ 2015/16ގެ ސީޒަނުގައި ސާރީގެ އިރުޝާދުގެ ދަށުން ނަޕޯލީގައި ކަމެވެ.

މީގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސާރީ ބުނެފައި ވަނީ ރޮނާލްޑޯ އަށް އިރުޝާދު ދޭން ފުރުސަތު ލިބުމަކީ އޭނާ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށާއި، ރޮނާލްޑޯ އަށް އިތުރު ކާމިޔާބީ ތަކާއި ރެކޯޑްތައް ހަދައިދިނުމަށް މަސައްކަތް ކުރާނޭ ކަމަށެވެ.