މިދިޔަ ހަފްތާގެ ތެރޭގައި ރަސްމީ ފުޓްބޯޅަ ކުޅުމުން ރިޓަޔާ ކުރިކަން އިއުލާން ކޮށްފައިވާ ސްޕެއިންގެ ހުނަރުވެރި ސްޓްރައިކަރ ފެނާންޑޯ ޓޮރޭސްގެ ކެރިއަރުގައި އޭނާ އަން އެންމެ ބޮޑު އަދި ރަނގަޅު އަސަރެއް ކޮށްފައި ވަނީ އޭނާގެ ކުރީގެ ޓީމް މޭޓް ސްޓީވަން ޖެރާޑްގެ ފަރާތުން ކަމަށް އޭނާ ބުނެފިއެވެ.

ރިޓަޔާ ކުރިކަން އިއުލާން ކުރުމަށް ފަހު ޖަޕާނުގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޮރޭސް އިތުރަށް ބުނެފައި ވަނީ ގެރާޑް އަކީ އޭނާގެ ގޭމް ފުރިހަމަ ކޮށްދޭ ކުޅުންތެރިޔާ ކަމަށާއި އެނާ އަށް އެއްކޮށް ކުޅޭ ކޮންމެ މެޗެއްގައިވެސް އެހެން ޑައިމެންޝަނެއްގައި ކުޅެވޭ އިހުސާސް އޭނާ އަށް ކުރެވޭ ކަމަށެވެ.

"އަހަރެން އަބަދުވެސް ބުނަން ޖެރާޑް އަކީ އަހަންނާއި އެކު ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ އޭ. އެއީ އަހަރެންގެ ގޭމް ފުރިހަމަ ކޮށްދޭ މީހަކީ. ޖެރާޑާއި އެއްކޮށް ދަނޑު މައްޗައް ނިކުތުމުން އަހަރެންގެ ލެވެލް ހުންނަނީ އެހެން ޑައިމެންޝަނެއްގަ" ވަރަށް އިހުސާސާއި އެކު ޓޮރޭސް ބުނިއެވެ.

އުމުރުން 35 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމީ ކީއްވެތޯ އެހުމުން ޓޮރޭސް ބުނީ އޭނާ ކުޅުން ހުއްޓާލަން ބޭނުންވަނީ މީހާ އާއި ބުއްދި ސަލާމަތުން ހުއްޓައި ކަމަށާއި، ކުޅުން ހުއްޓާލަން މަޖުބޫރު ވެގެން އެކަން ކުރަން ބޭނުން ނުވާ ކަމަށެވެ.

ރިޓަޔާ ކުރިކަން ޓޮރޭސް އިއުލާން ކޮށްފައި ވީ ނަމަވެސް، އޭނާގެ ވަދާއީ މެޗު އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ޖަޕާނުގައި އޮންނާނެއެވެ. އަދި މި މެޗުގައި ޓޮރޭސްގެ ރައްޓެހިން ކަމުގައިވާ ޑޭވިޑް ވިލާ އާއި އަންދްރޭ އިނިއެސްތާ އަށްވެސް ބައިވެރި ވެވޭނޭ އިންތިޒާމް ޖަޕާނުން ހަމަޖައްސައި ދީފައިވާ ކަމަށް ޓޮރޭސް ވަނީ ބުނެފައެވެ.