ފްރާންސްގެ ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ އެ ކްލަބް ދޫކޮށްލަން ކެތްމަދު ވެފައިވާއިރު، އޭނާގެ ކުރީގެ ކްލަބު ބާސެލޯނާގެ ޓީމް މޭޓުން ހާސްނުވުމަށާއި އޭނާ މި އަންނަނީ ކަމަށް ބުނެ ވަޓްސްއެޕް މެދުވެރިކޮށް މެސެޖެއް ފޮނުވައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނޭގޮތުން ނޭމާ މި މެސެޖް ފޮނުވާފައި ވަނީ ލިއޮނަލް މެސީއާއި ލުއިސް ސުއަރެޒްގެ އިތުރުން ބާސާގައި އޭނައާއި އެންމެ ގާތުން އުޅުނު ކުޅުންތެރިންނަށެވެ.

ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަން މެދުނުކެނޑި ނޭމާ ފާޅުކުރަމުން އަންނަ އިރުގައި މީގެ ކުރިން އޭނާ ބުނެފައި ވަނީ ބާސާ ދޫކޮށް ޕީއެސްޖީއަށް އައުން އެއީ ހެދުނު ގޯހެއް ކަމަށާއި އެނބުރި ގެއައް (ބާސެލޯނާ) އަށް ދާން ބޭނުންވާ ކަމަށެވެ.

ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަން ނޭމާގެ އިތުރުން ކިލިއަން އެމްބާޕޭއާއި ޑެނީ އަލްވޭސް ބުނެފައިވާކަން ފާހަގަ ކޮށްލެވެއެވެ. ނޭމާ ބާސާއަށް އަނބުރާ ގެނައުމުގެ ވާހަކަތައް ދެފަރާތުގެ ދެމެދުގައި ދެކެވެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނާއިރު، ޑެނީ އަލްވޭސް ވެސް އެނބުރި ބާސެލޯނާއަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އެއީ ބާސާ ދޫކޮށްލަން ބޭނުންވެފައި ހުރި ނެލްސަން ސެމެޑޯގެ ދައުރު އެންމެ ފުރިހަމައަށް އަދާ ކުރެވޭނީ އަލްވޭސް ފަދަ ކުޅުންތެރި އަކަށް ވަތީއެވެ.

ހާސް ނުވުމަށް އެދި ނޭމާގެ ކުރީގެ ޓީމް މޭޓުންނަށް އޭނާ މެސެޖް ކޮށްފައިވާއިރު، ބާސާގެ ގިނަ ސަޕޯޓަރުން ތަކެއް ތިބީ މެސީ، ސުއަރެޒް، ނޭމާގެ ޓްރިއޯ އަލުން ފެންނާނޭ ދުވަހެއްގެ އިންތިޒާރުގައެވެ.