އިޓަލީގެ ސިރި އޭ ގައި ކުޅުމުން އަންނަ މިލާންގެ ދެ ކްލަބު ކަމުގައިވާ އޭސީ މިލާން އަދި އިންޓާ މިލާންގެ ސްޓޭޑިއަމް ކަމުގައިވާ ސެން ސިރޯ ތަޅާލައި، އައު ސްޓޭޑިއަމެއް އަޅަން އެ ދެ ކްލަބުން ނިންމައިފިއެވެ.

ސެން ސިރޯ ތަޅާލަން ބޭނުންވާކަން މީގެ ކުރިން އޭސީ މިލާން އިން ހާމަ ކޮށްފައި ވާއިރު، އިންޓަ މިލާން އިން ބުނެފައި ވަނީ އެތަން ތަޅާލުމުގެ ބަދަލުގައި މަރާތުކޮށް، ބޮޑު ކުރަން ފެންނަ ކަމަށެވެ. އެހެން ނަމަވެސް، މަރާތު ކުރާނަމަ، ދަނޑުގެ ޖާގައިގެ ދަތިކަން އިތުރަށް ބޮޑުވެ ސަޕޯޓަރުން އަންނަލެއް މަދުވާނޭ ކަމަށް ބުނެ އޭސީ މިލާން އިން ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ.

ދެ ކްލަބުގެ ދޭތެރޭ ކުރެވުނު މަޝްވަރާ ތަކަށް ފަހު، އެތަން ތަޅާލައި ޖެހިގެން އޮތް ބިމުގައި އައު ސްޓޭޑިއަމެއް 2022ގެ ކުރިން އަޅަން މަސައްކަތް ކުރާ އިރު، އައު ސްޓޭޑިއަމްގެ އަގަކީ 630މިލިއަން ޕައުންޑެވެ.

މި ސްޓޭޑިއަމްގެ ޑިޒައިންގެ މަސައްކަތްތައް ކޮށް، މިލާންގެ ސިޓީ ކައުންސިލަށް ހުށަހަޅަން ދެ ކްލަބުން ތައްޔާރުވަމުން އަންނަ އިރު، އެ ސިޓީގެ މޭޔަރު ބުނެފައި ވަނީ މިހާރުގެ ސްޓޭޑިއަމް ވަރަށް ރީތި ކަމަށާއި އައު ސްޓޭޑިއަމް އެއް ހަދަނީ ނަމަ ވަރަށް ބޮޑު ހަދަރެއް އެކަމަށް ހޭދަ ވާނޭ ކަމަށެވެ.

60،000 މީހުންގެ ޖާގައިގެ އައު ސްޓޭޑިއަމްގެ މަސައްކަތް ނިމެންދެން މި ދެ ކްލަބުން ކުޅެމުން އަންނާނީ ސެން ސިރޯގައެވެ. އަދި އެ ސްޓޭޑިއަމް ނިމުނުހައި އަވަހަކަށް ސެން ސިރޯ ތަޅާލުމުގެ މަސައްކަތް ފެށިގެން ދާނޭކަމަށްވެސް މިލާން އިން ވަނީ ބުނެފައެވެ.

ސިރިއޭގައި މިދިޔަ ސީޒަނުގައި އެވްރެޖް ގޮތެއްގައި އެންމެ ގިނަ ސަޕޯޓަރުން ދަނޑަށް ގޮސްފައި ވަނީ މި ދެ ޓީމު ކުޅޭ މެޗުތައް ބަލަންކަން ފާހަގަ ކޮށްލެވެއެވެ.