އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީގެ ކޯޗު ކަމާއި އެ ކްލަބުގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ހަވާލު ވާނޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީގެ ކުރިން ލަމްޕާޑް އިރުޝާދު ދެމުން އައީ އިނގިރޭސި ޗެމްޕިއަންޝިޕްގެ ކްލަބެއް ކަމުގައިވާ ޑާބީ ކައުންޓީ އަށް ކަމުގައި ވާއިރު، އެ ކްލަބުގައި އޭނާ އާއިއެކު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ޖޯޑީ މޮރިސް ވެސް ޗެލްސީ އަށް އަންނާނޭ ކަމަށް ބެލެވެއެވެ.

ޗެލްސީގެ ކޯޗު ކަމާއި ހަވާލުވެގެން ހުރި މައުރީޒިއޯ ސާރީ އެ ކްލަބު ދޫކޮށް އިޓަލީގެ ޔުވެންޓަސް އާއި ހަވާލުވެފައި ވާއިރު، އެ ކްލަބުން ވަނީ 3 އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ލަމްޕާޑަށް ހުށަހަޅަން ނިންމާފައެވެ. ޗެލްސީގެ ކޯޗު ކަމާއި ހަވާލުވެ، ލަމްޕާޑް އެންމެ ފުރަތަމަވެސް ކުރަން ޖެހޭނެ ކަމަކީ ޗެލްސީގެ ކުޅުމުގެ ސްޓައިލް އެއްކޮށް ބަދަލު ކުރުން ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޑާބީ ކައުންޓީގައި ޒުވާން ކުޅުންތެރިން ތަކަކަށް އިރުޝާދު ދީ، އެ ކްލަބު ޕިރިމިއާ ލީގަށް ކޮލިފައި ކުރުވުމާއި ވަރަށް ގާތަށް ލަމްޕާޑް ޖެހިލިއެވެ. ނަމަވެސް، މުބާރާތުގެ ފައިނަލުގައި އެސްޓަން ވިލާ އަތުން ބަލިވުމުން، އަންނަ ސީޒަނުގައި ޕްރިމިއާ ލީގަށް އެރުމުގެ ފުރުސަތު އެ ކްލަބަށް ވަނީ ގެއްލިފައެވެ.

ޗެލްސީ އަށް އައިސްފައިވާ ޓްރާންސްފާ ބޭންގެ ސަބަބުން މި ސީޒަނުގައި އައު ކުޅުންތެރިން އެ ކްލަބަށް ނުގެނެވޭނެ އިރު، ލަމްޕާޑް ޖެހޭނީ އެ ކްލަބުގެ ޔޫތް ޓީމުން ކުޅުންތެރިން ނަގާށެވެ. ޗެލްސީގެ ގިނަ ސަޕޯޓަރުންތަކެއް މިހާރު ތިބީ ލަމްޕާޑުގެ އިރުޝާދުގެ ދަށުން އެ ކްލަބުގެ ނަން އަނެއްކާވެސް ފުޓްބޯޅައިގެ ދުނިޔޭގައި ގަދައަށް ވިދާލާނޭ ދުވަހެއްގެ އިންތިޒާރުގައެވެ.