ރާއްޖޭގެ ގައުމީ ފިރިހެން ސީނިއާ ވޮލީ ޓީމު ފުރަތަމަ ފަހަރަށް ޔޫރަޕްގެ ގައުމެއްގައި ކޭމްޕް ކުރުމަށް ހަމަޖެހިއްޖެއެވެ.

ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިވަގުތު ޔޫރަޕްގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ސާބިއާއަށް ވަޑައިގެން އެގައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ވަންޑާ އުޑޮވިސިވިޗާ ބައްދަލު ކުރައްވާފައިވާ އިރު، މަހުލޫފް ވަނީ އެގައުމުން ކުޅިވަރުގެ ރޮނގުން ރާއްޖެއަށް ފޯރުކޮށްދޭނެ އެހީތެރިކަމަކީ ކޮބާތޯ ބައްލަވާފައެވެ.

އެ ބައްދަލުވުމަށްފަހު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވަމުންދާ ރާއްޖޭގެ ފިރިހެން ވޮލީ ޓީމަށް، އެގައުމުގައި ކޭމްޕް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ވޮލީ ޓީމު ޔޫރަޕްގައި ތަމްރީން ކޭމްޕް ޖަހާ ފުރަތަމަ ފަހަރު ކަމަށެވެ.

"ގައުމީ ވޮލީ ޓީމު އައިއޯޖީގެ ކުރިން ތަމްރީން ކުރުމަށް ސާބިއާގައި ކޭމްޕް ކުރުމަށް ހަމަޖެހިފައި ވަނީ މިފެށޭ ޖުލައި މަހުގެ ތިނަކުން 14އަށް. ސާބިގައި ގައުމީ ޓީމު ކޭމްޕް ކުރުމުގެ ހުރިހާ އެހީއެއް ސާބިއާގެ ސަރުކާރުން ފޯރުކޮށްދޭނެ. އަދި ގައުމީ ޓީމުއަށް ފެންވަރު ރަނގަޅު މެޗުތަކެއް ކުޅުމަށް ފުރުސަތު ލިބިގެންދާނެ،" މިނިސްޓަރު މަހުލޫފް ވިދާޅުވެފައިވެއެވެ.

ސާބިއާއަކީ ވޮލީގައި ވަރުގަދަ ގައުމަކަށްވާ އިރު، އެ ފެންވަރުގެ ގައުމެއްގެ ޓީމުތަކާއެކު ކުޅެ، ގައުމީ ޓީމަށް މުހިއްމު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމަށް ބޮޑެތި ބަދަލުތަކެއް، ކުރު މުއްދަތެއްގެ ތެރޭގައި ގެނެސްފައިވާ އިރު، ވޮލީގެ ތެރޭގައި އެތަކެއް ހިތް ނުތަނަވަސްކަމެއް އުޅޭކަންވެސް ވަނީ ފާހަގަކުރެވިފައެވެ. އެކަންކަމުގެ އަސަރު ގައުމީ ޓީމަށްވެސް ފޯރާފައިވާކަން ފާހަގަ ވެފައިވެއެވެ.

އިންޑިއާ ކަނޑުގެ ގައުމުތަކަށް އަމާޒުކޮށް ކޮންމެ ހަތަރު އަހަރުން އެއްއަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ 1979 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އިވެންޓެކެވެ.

މުބާރާތުގައި 2015 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަ ރަން މެޑަލް، ދުވެންތެރިޔާ ހަސަން ސާއިދު ގެނެސްދިން އިރު، މިހާތަނަށް ހަތް ސިލްވާ އަދި 22 ބްރޯންޒް މެޑަލް ރާއްޖެއަށް ލިބިފައިވެއެވެ. މިއަހަރުގެ ގޭމްސްއަށްވެސް ރާއްޖޭގެ ގިނަ އެތުލީޓުންތަކެއް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.