ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން، ފ. ނިލަންދޫ ކޮޅަށް 13 ގޯލް ޖަހައިފިއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ 13-0ގެ ނަތީޖާއަކުންނެވެ. މެޗުގައި މާޒިޔާގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) ވަނީ ފަސް ގޯލް ޖަހާފައެވެ.

މިއަހަރުގެ ލީގަށް އެންމެ ބޮޑަށް، ކުރިއާލާ ރަނގަޅު ތައްޔާރީތަކެއްވި ޓީމަކީ މާޒިޔާއެވެ. އެޓީމުން ރަނގަޅު ޓްރާންސްފާ ތަކަކާއެކު ސީޒަނަށް ތައްޔާރުވި އިރު، ޓީމަށް ކުރިން އިރުޝާދު ދިން ކާމިޔާބު ކޯޗު، މަރުޖާން ސެކޮލޮވްސްކީވެސް ވަނީ ޓީމަށް ގެނެސްފައެވެ. މިއަހަރުގެ ފުޓުބޯޅަ ސީޒަންގެ ތިން ތަށްޓަށް އަމާޒު ހިފާފައިވާ މާޒިޔާއިން ސީޒަން ފެށުމުގެ ކުރިން އދ. މަހިބަދޫގެ އިތުރުން ސައުދީ އަރަބިޔާގައިވެސް ކޭމްޕް ކޮށްފައިވާ އިރު، އެޓީމު ލީގުގައި މި ފެންނަނީ ތަފާތު މޮޅުކޮށެވެ.

މިރޭ ކުޅުނު މެޗުގެ ތެރެއިން: މާޒިޔާއިން ވަނީ މެޗުގައި ނިލަންދޫ ކޮޅަށް 13 ގޯލް ޖަހާފައި --- ފޮޓޯ/ އެފްއޭއެމް

މާޒިޔާއިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް ބަލިކޮށްފައި އޮތް އިރު، ނިލަންދޫން ސީޒަނާ ކުރިމަތިލީ ބޮޑެތި ޗެލެންޖުތަކަކާ އެކުގައެވެ. ކްލަބު ލައިސަންސިންގެ މައްސަލަތަކެއްވެސް ދިމާވެފައިވާ އިރު، މިރޭގެ މެޗަށް ނުކުތް އިރު އެޓީމު އޮތީ ފުރަތަމަ ހަފްތާގައި ކުޅުނު މެޗުން ދަ ގްރާންޑޭ އަތުން ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ކަށިގަނޑާއެކުވެސް މާޒިޔާގެ އެޓޭކްގެ ނުރައްކާ ފެނިގެންދިޔައެވެ. ތިންވަނަ މިނެޓުގައި އަރިމަތިން އެއްލި ބޯޅައެއް، އޭރިއާ ތެރޭގައި ހުރި އަސަދުﷲ އަބްދުﷲ ބޮލުން ޖައްސާލި އިރަށް ފަހިވީ ނާއިޒް ހަސަން (ދާދު)އަށެވެ. އޭނާ އެއްވެސް އުނދަގުލެއް ނެތި ބޯޅަ ފޮނުވާލީ ގޯލަށެވެ. މެޗު ކޮންޓްރޯލްކޮށް، އެޓޭކަކަށްފަހު އެޓޭކެއް، ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންދިޔަ މާޒިޔާއިން 10 ވަނަ މިނެޓުގައި ދެވަނަ ގޯލެއްވެސް ޖެހިއެވެ.

މިރޭ ކުޅުނު މެޗުގެ ތެރެއިން: މާޒިޔާއިން ވަނީ މެޗުގައި ނިލަންދޫ ކޮޅަށް 13 ގޯލް ޖަހާފައި --- ފޮޓޯ/ އެފްއޭއެމް

އަސަދުﷲ ތަނަވަސްކޮށްދިން ފުރުސަތުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ދެވަނަ ގޯލް ޖެހި އިރު، އޭގެ 10 ވަރަކަށް މިނެޓް ފަހުން އަސަދުﷲ ވަނީ މާޒިޔާގެ ތިންވަނަ ގޯލްވެސް ޖަހާފައެވެ. މާޒިޔާއިން ހާފް ނިމުމުގެ ކުރިން އިތުރުން ފަސް ގޯލެއް ފުލުފުލުގައި ޖެހި އިރު، އެ ގޯލްތައް ޖަހައިދިނީ މޫސާ ޔާމީން (ޔާމްބެ)ގެ އިތުރުން އަސަދުﷲއާއި އިއްބެއެވެ. ހާފް ނިމުމުގެ ކުރިން މާޒިޔާގެ ކެޕްޓަން އަސަދުﷲ ހެޓްރިކް ފުރިހަމަ ކޮށްފައިވާ އިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި ދާދު ވަނީ އޭނާގެ ދެވަނަ ގޯލްވެސް ޖަހާފައެވެ.

މިރޭ ކުޅުނު މެޗުގެ ތެރެއިން: މާޒިޔާއިން ވަނީ މެޗުގައި ނިލަންދޫ ކޮޅަށް 13 ގޯލް ޖަހާފައި --- ފޮޓޯ/ އެފްއޭއެމް

އިއްބެ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށް ފަސް ގޯލްވެސް ޖަހާފައިވާ އިރު، ފަހު ވަގުތު ވަނީ ދެވަނަ ހެޓްރިކެއް ފުރިހަމަ ކުރުމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ދެވަނަ ހާފްގައި މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ)ގެ ގޯލެއްވެސް ވަނީ ފެނިގެން ގޮސްފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ދެން އޮންނާނީ ހޮނިހިރު ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީހަކު

    ނިލަންދޫގައި ކުޅުނު ނަމަ އެއްވެސް ޓީމްއަކުން ލާހިކު މޮޅުވާކަށް މެސީ ރޮނާލްޑޯ އަޔަސް ނިލަންދޫގަ ނަމަ ދައްވާނެ .. ނިލަންދޫ އަކީ ފަންޑިތަ ހަދާގެން މޮޅުވާ ބައެއް އެހެންވީމަ ދަށްވާނެއްނު