އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޓްރައިކާރ ރޮމެލޫ ލުކާކޫ އެ ކްލަބު ދޫކޮށް އިޓަލީގެ އިންޓާ މިލާން އަށް ބަދަލުވުމުގެ މަސައްކަތް ފަށައިފިއެވެ.

ލުކާކޫގެ އެޖެންޓް ހާމާ ކޮށްފައިވާ ގޮތުގައި އޭނާ މިހާރު ބޭނުންވަނީ ޔުނައިޓެޑު ދޫކޮށް، އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން އިންޓަމިލާންގައި ކުޅޭށެވެ. އަންގާރަ ދުވަހު އިންޓަ މިލާންގެ އޮފީހުން ޕޮގްބާގެ އޭޖެންޓް ނިކުންނަތަން ފެނިފައި ވާއިރު، އޭނާގެ އޭޖެންޓް ބުނެފައި އިންޓަ މިލާންގެ އިސް ވެރިންނާއި ބައްދަލު ކޮށްފައި ވަނީ އޭނާގެ އެތައް ކްލައެންޓުން ތަކެއްގެ މަޝްވަރާތައް ކުރަން ކަމަށާއި ލުކާކޫގެ ވާހަކަވެސް ދެކެވިފައިވާ ކަމަށެވެ.

ބެލްޖިއަމްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ލަނޑު ޖަހައިދީފައިވާ ލޫކާކޫ އާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާގެ އޭޖެންޓު އިތުރަށް ބުނެފައި ވަނީ ލުކާކޫ އިންޓަމިލާނަށް ގެންދިއުމަކީ އުނދަގޫ މަސައްކަތަކަށް ވާނޭ ކަމަށާއި އެހެނަސް އެއީ ނުވާނޭ ކަމެކޭ ނުބުނެވޭނެ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުގައި ދެ ސީޒަން ހޭދަ ކުރުމަށް ފަހު، އެ ކްލަބު ދޫކޮށްލަން ލޫކާކޫ ބޭނުންވަނީ އެ ކްލަބުގެ ކޯޗް އޮލެ ގުނާ ސޮލްސަޖާ އަށް ލުކާކޫ އަށް ވުރެން މާކަސް ރަޝްފޯޑް ސްޓްރައިކަރެއްގެ މަގާމަށް ކަމުދާތީއެވެ.

75މިލިއަން ޕައުންޑުގެ ސްޓްރައިކަރު ބުނެފައި ވަގޮތުގައި އޭނާ އަބަދުވެސް އިޓަލީގައި ކުޅެން ބޭނުންވާކަން ޔުނައިޓެޑުގެ ހުރިހާ ގާތް ރައްޓެހިންނަށްވެސް އެނގޭނެއެވެ.