އިނގިރޭސި ޗެމްޕިއަން ކްލަބް ކަމުގައިވާ މެންޗެސްޓާ ސިޓީގެ ކެޕްޓަން ޑޭވިޑް ސިލްވާ ފެށޭ ސީޒަނަށް ފަހު އެ ކްލަބު ދޫކޮށްލާނޭ ކަން އިއުލާނު ކޮށްފިއެވެ.

ފާއިތުވެދިޔަ 9 އަހަރު ދުވަސް ސިޓީގައި ހޭދަކޮށް، ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ފިޔަވައި ދެން ހުރި ހުރިހާ ބޮޑެތި މުބާރާތެއްގެ ތަށި ސިޓީ އާއި އެކު ޑޭވިޑް ސިލްވާ ކާމިޔާބު ކޮށްފައި ވާއިރު، އޭނާ ބުނެފައި ވަނީ 10 ވަނަ އަހަރަށް ނިންމާލަން ބޭނުންވާ ކަމަށާއި، ސިޓީ ދޫކޮށް ދިޔަ ނަމަވެސް، ސިޓީ އާއި ދެކޮޅަށް ކުޅެން ބޭނުން ނުވާ ކަމަށާއި އެހެންކަމުން އިނގިރޭސި ޕްރިމިއާ ލީގުން އޭނާ ނުފެންނާނޭ ކަމަށެވެ.

"ކްލަބުން ބޭނުންވި އަހަންނަށް 2 އަހަރުގެ ކޮންޓްރެކްޓެއް ދޭން. އެކަމަކު އަހަރެން އެއްބަސް ނުވީ އެކަމަށް. ބޭނުންވަނީ 10 އަހަރު ހަމަކޮށްފައި ނިންމާލަން. ދުވަހަކުވެސް ސިޓީ އާއި ދެކޮޅަށް ކުޅޭތަން އަހަރެންގެ ހިތަކަށް ސިފައެއް ނުވޭ." ނޫސްވެރިންނަށް މައުލޫމާތު ދެމުން ސިލްވާ ބުނެފައި ވެއެވެ.

އުމުރުން 33 އަހަރުގެ މިޑްފިލްޑަރު މީގެ ކުރިން ހާމަ ކޮށްފައިވާ ގޮތުގައި އޭނާގެ ކެރިއަރު ނިންމާލަން ބޭނުންވަނީ ސްޕެއިންގެ ލަސް ޕަލްމާސް އާއި އެކުއެވެ. ނަމަވެސް މިވަގުތު އެ ކްލަބު ކުޅެމުން އަންނަނީ ސްޕެއިންގެ ދެވަނަ ލީގުގައި ކަމުން، އެ ކްލަބް ލަލީގާ އަށް ކޮލިފައި ނުވާހައި ހިނދަކު އެ ކްލަބަށް ނުދާނޭ ކަމަށް ސިލްވާ ބުނެއެވެ.

ޑޭވިޑް ސިލްވާ މެންޗެސްޓާ ސިޓީ ދޫކޮށްލާނޭ ކަން އިއުލާން ކުރުމާއި އެކު އެ ކްލަބުގެ ގިނަ ސަޕޯޓަރުން ވަނީ އެކަމާއި މެދު ހިތާމަ ކުރާކަމަށް ބުނެ މީސް މީޑިއާގައި ޝުއޫރުތައް ފާޅު ކުރަމުންކަން ފާހަގަކޮށްލެވެއެވެ.