މެލޭޝިއާގައި ބާއްވާ އިންޓަނޭޝަނަލް ޓީ20 ޓްރައި ސީރީސްގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ތައިލެންޑް ބަލިކޮށްފިއެވެ.

ކުއަލަ ލަމްޕޫރުގެ ކިންރާރާ އޯވަލް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗު ރާއްޖެއިން ކާމިޔާބުކުރީ ދެ ވިކެޓުންނެވެ. މިއީ ރާއްޖޭގެ ކްރިކެޓް ތާރީހުގައިވެސް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ގްލޯބަލް ރޭންކިންގެ މެޗެއްގައި ކާމިޔާބު ލިބުނު ފުރަތަމަ ފަހަރެވެ. އެ ކާމިޔާބީއާއެކު ރާއްޖޭގެ ކްރިކެޓަށް އުންމީދު ގެނުވާފައިވާ އިރު، "ވަގުތު"އަށް ވާހަކަ ދައްކަވަމުން ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) ވިދާޅުވީ، މިއީ ރާއްޖޭގެ ކްރިކެޓުގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށާއި، އަނެއްކާވެސް ކުރިއަށް ދިޔުމަށް ކޮށިގެން ދިޔަ މަގެއް ކަމަށެވެ.

ކުރިއަށް އޮތް ތަނުގައިވެސް، ކްރިކެޓަށް ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި، ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ސަރުކާރުންވެސް ކުރަމުންދާނެ ކަމަށާއި، އުންމީދަކީ އޭޝިއަން ކަޕް ކުޅުން ކަމަށްވެސް އަފްލާހް ފާހަގަ ކުރެއްވިއެވެ. އަދި އަދި މިއަދު ފެނިގެން ދިޔައީ ކްރިކެޓަށް ކުރެވެމުން އައި މަސައްކަތުގެ ފޮނިމީރުކަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭ ކްރިކެޓް ޓީ20 ރޭންކިންގައި ތައިލެންޑް 55 ވަނައިގައި އޮތް އިރު، ރާއްޖެއަކީ 72 ވަނައަށް ރޭންކް ކޮށްފައިވާ ގައުމެވެ.

މެޗުގައި ޓޮސް ދިމާވީ ތައިލެންޑަށެވެ. އެޓީމުން ބޭނުންވީ ފުރަތަމަ ކުޅެން އެރާށެވެ. އެ ޓީމުން 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 130 ލަނޑު ހެދިއެވެ. ޖަވާބުގައި ރާއްޖެ އަރައި 19.5 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން 131 ލަނޑު ހަދައި މެޗުން މޮޅުވިއެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ ޓީމުގައި ހިމެނޭ ސްރީ ލަންކާ ކުޅުންތެރިޔާ ނިލަންތަ ކޫރޭ އެވެ. އޭނާ ވަނީ 34 ބޯޅައިން 40 ލަނޑު ހަދައިފައެވެ.

ސްރީލަންކާއަށް އުފަން ތިން ކުޅުންތެރިޔަކު ރާއްޖޭގެ ޓީމުގައި ހިމެނޭ އިރު، އެ ތިން ކުޅުންތެރިންނަކީވެސް ރާއްޖޭގައި ދިރިއުޅޭތާ ތިން އަހަރު ވެފައިވުމުން، ގައުމީ ޓީމަށް ކުޅުމަށް އެލިޖިބަލް ވެފައިވާ ކުޅުންތެރިންނެވެ.

މެލޭޝިއާގެ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ހޯސްޓް ގައުމު، މެލޭޝިއާ އަތުން ބަލިވެފައި އޮތް އިރު، ތައިލެންޑްވެސް މެލޭޝިއާ އަތުންވީ ބައްޔެވެ. މުބާރާތުގެ ދެވަނަ ބުރުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހު މެލޭޝިއާއާ ދެކޮޅަށް ކުޅޭއިރު، ފަހު މެޗުގައި ތައިލެންޑާ ދެކޮޅަށް ދެ ވަނަ މެޗުގައި ނުކުންނާނީ 29 ހޮނިހިރު ދުވަހުއެވެ.