އޭއެފްސީ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ނިމިފައިވާ އިރު، ގްރޫޕް އީގެ އެއްވަނަ ހޯދާ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

މިއަހަރުގެ ގްރޫޕް ސްޓޭޖުން ރާއްޖޭގެ ޓީމަކަށް ފުރުސަތު ލިބިފައި ނުވާ އިރު، ބަންގްލަދޭޝްގެ އިތުރުން ދެން ކުޅެފައި ވަނީ އިންޑިއާ އަދި ނޭޕާލްގެ ކްލަބުތަކެވެ. އޭޝިއަން ކަޕްގެ ގަވާއިދުގައި ވާގޮތުން ގްރޫޕްތަކުގައި މިހާރު ވާދަކުރާނީ އޭޝިއަން ސަބް ރީޖަންގެ ކްލަބުތަކުންނެވެ. އިންޑިއާގެ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޗެންނާއިއަން އެފްސީގެ އިތުރުން އައި ލީގުގެ ޗެމްޕިއަން މިނެރާވް ޕަންޖާބު ގްރޫޕް ސްޓޭޖުގައި ވާދަކުރި އިރު، ދެން ވާދަކުރީ ނޭޕާލްގެ ލީގު ޗެމްޕިއަން މަނަންގް މަރުޝިއަންޖީ އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއެވެ.

ރާއްޖޭގެ ކްލަބުތަކަށް މިފަހަރުގެ އޭއެފްސީ ކަޕުން ޖާގަ ގެއްލުނީ އޭއެފްސީ ކްލަބު ލައިސަންސް ނުލިބުމުންނެވެ.

ގްރޫޕް ސްޓޭޖުގައި ޑާކާ އަބަހާނީ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައިވާ އިރު، އެޓީމުން އެންމެފަހުން އިއްޔެ ކުޅުނު މެޗުގައި ވަނީ މިނެރާވް ޕަންޖާބު ބަލިކޮށްފައެވެ. މިނެރާވް ޕަންޖާބާއެކު ކުޅުނު ދެމެޗުންވެސް އެޓީމު ވަނީ ކާމިޔާބު ކޮށްފައެވެ.

ޑާކާ އަބަހާނީން 1998 ވަނަ އަހަރު އޭއެފްސީން ގްރޫޕް ސްޓޭޖު ފަހަނައަޅާ ގޮސްފައިވާ އިރު، މިއީ އޭގެ ފަހުން ގްރޫޕް ސްޓޭޖު ފަހަނައަޅާ އެޓީމުން ދަތުރުކުރި ފުރަތަމަ ފަހަރެވެ.