ރާއްޖޭގެ ހަތަރު ވޮލީ ކޯޗަކު، ތަޖުރިބާ ހޯދުމަށް ޔޫރަޕްގެ ގައުމެއް ކަމަށްވާ ސާބިއާ އަށް ފޮނުވުމަށް ހަމަޖެހިއްޖެއެވެ.

މިނިސްޓަރު މަހުލޫފް ޔޫރަޕްގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ސާބިއާއަށް ވަޑައިގެންފައިވާ އިރު، ރާއްޖޭގެ ވޮލީއަށް ރަނގަޅު ފުރުސަތުތަކެއް ދަނީ ހޯއްދަވައި ދެއްވަމުންނެވެ. އެގޮތުން އިންޑިއައިން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވަމުންދާ ފިރިހެން ވޮލީ ޓީމުވެސް ސާބިއާގައި ކޭމްޕް ކުރަން ފުރުސަތު ލިބިފައިވާ އިރު، އޭގެ އިތުރުން ހަތަރު ކޯޗުންނަށް ސާބިއާ ވޮލީ ލީގުގެ ޓީމުތަކާއެކު ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ވޮލީގެ ހަރަކާތްތައް ބަލާ، އެސެސްކޮށް، ރަނގަޅު ކުރަން ޖެހޭ ކަންކަން ބެލުމަށް ސާބިއާގެ ފެޑަރޭޝަންގެ ޓީމެއް ރާއްޖެ އައުމަށްވެސް ވަނީ ހަމަޖެހިފައެވެ. ސާބިއާއަކީ ވޮލީގެ ވަރުގަދަ ޓީމަކަށްވާ އިރު، އެގައުމަށް ގޮސް، އެގައުމުގެ ވޮލީ ލީގުގައި ތަޖުރިބާ ހޯދުމަކީ ދިވެހި ކޯޗުންނަށް ލިބިގެންދާނެ މުހުއްމު ފުރުސަތެއް ކަމަށް ބެލެވެއެވެ.