އެކުވެރިކަމުގެ މެޗެއްގައި ރޭ އާޖެންޓީނާ އާއި ބައްދަލުކުރި މެޗު 1-6 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ސްޕެއިން އިން ކާމިޔާބުކޮށްފިއެވެ.

ސްޕެއިންގައި ރޭ ކުޅުނު މި މެޗުގައި ވެސް އަނިޔާގެ ސަބަބުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެފައެއް ނުވެއެވެ. އާޖެންޓީނާ އިން އެންމެފަހުން 0-2 އިން އިޓަލީގެ މައްޗަށް ކުރި ހޯދި މެޗުގައި ވެސް މެސީ ކުޅެފައެއް ނުވެއެވެ.

ސްޕެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު މެޗުގެ 12 ވަނަ މިނެޓްގައި ޑިއޭގޯ ކޮސްޓާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 27 ވަނަ މިނެޓްގައި ސްޕެއިންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އިސްކޯއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮޓެމެންޑީ އާޖެންޓީނާ އަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު އިސްކޯ ވަނީ ސްޕެއިންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ސްޕެއިންގެ ހަތަރުވަނަ ގޯލު މެޗުގެ 55 ވަނަ މިނެޓްގައި ތިއާގޯ ކާމިޔާބުކޮށްދިން އިރު މެޗުގެ 73 ވަނަ މިނެޓްގައި އަސްޕާސް ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 74 ވަނަ މިނެޓްގައި އިސްކޯ ވަނީ ސްޕެއިންގެ ހަވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިއީ 2009 ވަނަ އަހަރަށްފަހު އާޖެންޓީނާ ކޮޅަށް ޓީމަކުން ހަ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. އާޖެންޓީނާ ކޮޅަށް އެންމެފަހުން ހަ ލަނޑު ޖެހީ ވޯލްޑްކަޕް ކޮލިފައިންގައި ބޮލީވިޔާ އިންނެވެ. އެ މެޗުން ވެސް އާޖެންޓީނާ ބަލިވީ 1-6 އިންނެވެ.

އަނެއްކޮޅުން މިއީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ގައުމެއްގެ ކައިރިން ސްޕެއިން އަށް ހޯދުނު އެންމެ ބޮޑު މޮޅެވެ. މި މޮޅާއެކު ސްޕެއިން އިން މިހާރު ވަނީ ބަލިނުވެ ޖުމްލަ 18 މެޗު ފުރިހަމަކޮށްފައެވެ.

ވޯލްޑް ކަޕްގެ ކުރިން ސްޕެއިން އިން އެކުވެރިކަމުގެ އިތުރު ދެ މެޗެއް އަދި ކުޅޭނެއެވެ. އެ ދެ މެޗުގައި ސްޕެއިން އިން ބައްދަލުކުރާނީ ސްވިޒަލޭންޑާއި ޓިއުނީޝިޔާއާއެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 15 ވަނަ ދުވަހު ސްޕެއިން ނިކުންނާނީ ޕޯޗުގަލް އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބޭ

    އޮންޓާގެޓައް ފޮނުވާލީ ހަބޯޅަ އެއިނީ ގޯލުތެރޭގަ. 4 ގޯލް ޖެހީ އާޖެންޓީނާއައް ހެދުނު މިސްޓޭކުން..

  2. ޜިޒާވްޓީމް

    ޢަގުއެރޯ އަދި ޓެވޭޒް ލަވޭޒީ ވެސް ނާރާ މެޗެއްތީ