ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ ގަވާއިދަށް ބަދަލުތަކެއް ޔޫރަޕްގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ކަމަށްވާ ޔޫއެފާ އިން ގެނެސްފިއެވެ.

އެގޮތުން ޔޫއެފާ އިން ގެނައި އެއް ބަދަލަކީ އެއް ސީޒަނެއްގައި ދެ ކްލަބަކަށް ކުޅުންތެރިއަކު ކުޅުނު ނަމަވެސް ޔޫރަޕްގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކުޅުންތެރިއަކަށް ހަމަ އެ ސީޒަނުގައި ލިބޭނެގޮތް ހަމަޖެއްސުމެވެ.

މިހާރު ގަވާއިދު އޮންނަ ގޮތުން ނަމަ ޗެމްޕިއަންސް ލީގު ނުވަތަ ޔޫރޮޕާ ލީގުގައި ކުޅުމަށްފަހު ކުޅުންތެރިއަކު ޖެނުއަރީ ޓްރާންސްފާގައި ކްލަބު ބަދަލުކޮށްފިނަމަ އެ ކުޅުންތެރިއަކަށް އެ ސީޒަނެއްގައި އާ ކްލަބާ އެކު އެ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތެއް ނޯވެއެވެ.

ގަވާއިދަށް ދެން ގެނައި ބަދަލުތަކުގެ ތެރޭގައި ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުތަކުގެ އިތުރު ވަގުތުގައި ހަތަރު ވަނަ ކުޅުންތެރިއަކު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުމެވޭ ގޮތަށް ހެދުމާއި މި ދެ މުބާރާތުގެ ފައިނަލް މެޗުގެ ބެންޗުގައި 12 ކުޅުންތެރިންނަށް ތިބެވޭ ގޮތް ހެދުން ހިމެނެއެވެ.

މީގެއިތުރުން ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖަށްފަހު ކޮންމެ ކްލަބަކަށް ވެސް އާ ތިން ކުޅުންތެރިޔަކު ރެޖިސްޓަރ ކުރުމަށް ފުރުސަތު ދިނުމަށް ވެސް ޔޫއެފާ އިން މިހާރު ވަނީ ނިންމާފައެވެ.

އަދި ޔޫއެފާ އިން ވަނީ މި ދެ މުބާރާތުގައި ވެސް ކުޅޭ ޓީމުތަކުގެ ސްކޮޑުގައި 23 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ވެސް ޓީމުތަކަށް ދިނުމަށް ނިންމާފައެވެ. މިހާރު މި ދެ މުބާރާތުގައި ވެސް ކުޅޭ ޓީމުތަކަށް ސްކޮޑުގައި ހިމެނެނީ 18 ކުޅުންތެރިންނެވެ.

އަދި ޔޫރަޕްގެ ގަދަ ހަތަރު ލީގުގެ (އިނގިރޭސި، ޖަރުމަނު، އިޓަލީ އަދި ސްޕެއިން) ގަދަ ހަތަރު ޓީމު "އޮޓެމެޓިކުން" ޗެމްޕިއަންސް ލީގަށް ކޮލިފައިވާ ގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެކުރިން ބައެއް ލީގުތަކުގެ ހަތަރުވަނަ އަށް ދާ ޓީމު މުބާރާތަށް ކޮލިފައިވުމަށް "ޕްލޭއޮފް" ކުޅެން ޖެހެއެވެ.

ޔޫއެފާ އިން ގެނައި މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ ސީޒަނުން ފެށިގެންނެވެ.