ދާދި ފަހުން ޗެލްސީ ދޫކޮށް އިޓަލީގެ ޔުވެންޓަސްއާ ހަވާލުވެފައިވާ މައުރީޒިއޯ ސާރީ މާ ގިނައިން ސިނގިރޭޓް ބޮވޭ ކަމަށް އެއްބަސް ވެއްޖެއެވެ.

ނަޕޯލީ އަދި އެމްޕޯލީއަށް އިރުޝާދު ދިން ދުވަސްވަރު ދަނޑު މަތީގައި މެޗު ކުރިއަށް ދާއިރު އަބަދުވެސް ސިނގިރޭޓް ބޮމުން އިރުޝާދު ދޭން ސާރީ ހުރި ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އެކަން މަނާ ކޮށްފައި އޮތުމުން ޗެލްސީ އަށް އިރުޝާދު ދިން އިރު އެ މަންޒަރު ފެނިފައެއް ނުވެއެވެ.

ޗެލްސީ އިން ސާރީ އަށް ހާއްސަކޮށް މެޗު ކުރިއަށް ދާ ވަގުތު އެ މަންޒަރު ބެލޭނޭގޮތަށް ބިއްލޫރިން ސިނގިރޭޓް ބޯ ކޮޓަރިއެއް ހަދައިދިން ނަމަވެސް މެޗު ކުރިއަށް ދާ ވަގުތު ސާރީ ބޭނުން ކުރަމުން އައީ ނިކޮޓިން ޗްވިންގަމެވެ.

އަނެއްކާވެސް ޔުވެންޓަސް އަށް ސާރީ ބަދަލުވެފައި ވާއިރު ދަނޑުމަތިން އޭނާ ސިނގިރޭޓް ބޯތަން ފެނިގެން ދާނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިވަގުތު އިޓަލީގެ ބީޗެއްގައި ޗުއްޓީ ހޭދަކުރަމުން އަންނަ ސާރީއަށް އެ ބީޗުގައި ސިނގިރޭޓް ނުބޮވުމުން އެކަމާއި މެދު ވަރަށް ބޮޑަށް ޝަކުވާ ކޮށް ނޫސްވެރިއަކާއި އެކު ވާހަކަ ދައްކަމުން ބުނެފައި ވަނީ މާގިނައިން ސިގިރޭޓް ބޮވޭ ކަމަށާއި ދުވާލެއްގެ މައްޗައް 60 ސިނގިރޭޓް ބޮވޭ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ހަށިގަނޑަށް އެތަކެއް ގެއްލުންތަކެއް ލިބޭ ކަމަކަށް ވާއިރު ފުޓްބޯޅަ ފަދަ ކުޅިވަރެއްގައި ޝާމިލްވެ އުޅޭ މީހެއްގެ ފަރާތުން މިފަދަ ކަންތައް ފެންނާތީ މި ކުޅިވަރަށް ލޯބި ކުރާ މީހުން އަންނަނީ މިކަން ކުށްވެރިކޮށް ހުއްޓާލުމަށް ސާރީ އަށް މީސް މީޑިއާގެ ޒަރީއާއިން ގޮވައިލަމުންނެވެ.