އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ މިޑްފިލްޑާރ ޕައުލް ޕޮގްބާގެ ބަދަލުގައި އެ ކްލަބުން ބޭނުން ވަނީ ބާސެލޯނާގެ އައިވަން ރަކިޓިޗް ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ޕޮގްބާ ހާމަ ކޮށްފައި ވާއިރު، އޭނާ ހޯދުމުގެ މަސައްކަތް އެންމެ ގަދައަށް ކުރަމުން އަންނަނީ ޔުވެންޓަސް އާއި ރެއަލް މެޑްރިޑުންނެވެ. ނަމަވެސް ޕޮގްބާ ވަނީ ކުރީގެ ކްލަބު ޔުވެންޓަސް އަށް އެނބުރި ދާން ބޭނުންވާކަން ހާމަ ކޮށްފައެވެ.

2016 ވަނަ އަހަރު ރެކޯޑް އަގަކަށް ޔުނައިޓެޑަށް ބަދަލުވި ޕޮގްބާ ދޫކޮށްލަން އެ ކްލަބުން ބޭނުން ނުވާކަން މީގެ ކުރިން ހާމަ ކުރިނަމަވެސް، މިހާރު މިވަނީ ރަނގަޅު އަގެއް ކިޔައިފިނަމަ އޭނާ ވިއްކާލާނޭ ކަމަށް ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޕޮގްބާ ވިއްކާލާނީ އެންމެ މަދުވެގެން 150 މިލިއަން ޕައުންޑަށެވެ. އަދި އޭނާ އެ ކްލަބު ދޫކޮށްފި ހާލަތުގައި އެ މަގާމު ފޫބެއްދުމަށްޓަކައި ކުޅުންތެރިން ތަކެއް ޝޯޓް ލިސްޓް ކޮށްފައި ވާއިރު، އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ބާސާގެ ރިކިޓިޗް އެވެ.

ޔުނައިޓެޑުން ރަކިޓިޗް ބޭނުންވާކަން ހާމަވެފައި ވާއިރު، ޕީއެސްޖީ އިން ވަނީ ނޭމާގެ ބަދަލުގައި ބާސާގެ ދެ ކުޅުންތެރިން ބޭނުންވާ ކަމަށް ދާދި ފަހުން ބުނެފައެވެ. އޭގެ ތެރޭގައި ރަކިޓިޗްވެސް ހިމެނެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ޔުނައިޓެޑުން ރަކިޓިޗް ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެއީ ބާސާ އިން އެ ކްލަބަށް ނޭމާ ގެނައުމަށް މަސައްކަތް ކުރަމުން ދާތީއެވެ.