މެލޭޝިޔާގެ ކުރިއަށް ދިޔަ ޓީ20 ޓްރައި ސީޒަންގައި ބައިވެރިވި ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމުން ރިހި މެޑަލް ހޯދައިފިއެވެ.

މި މުބާރާތުން ރިހި މެޑަލް ރާއްޖެ އަށް ލިބިފައި ވާއިރު، މިދިޔަ ހަފްތާ ތެރޭގައި ރާއްޖޭގެ ތާރީހުގައިވެސް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ގްލޯބަލް ރޭންކިންގެ މެޗެއް ވަނީ އަލަށް ކާމިޔާބު ކުރެވިފައެވެ. ރޭންކިންގެ ގޮތުން ރާއްޖެ އަށް ވުރެން ކުރީގައި އޮތް ތައިލޭންޑް ބަލި ކުރުމަށް ފަހު ކްރިކެޓުގައި ރާއްޖެއިން ވަނީ އައު ހަރުފަތެއް މައްޗައް ޖެހިލާފައެވެ.

ރާއްޖޭގެ އިތުރުން މި މުބާރާތުގައި ވާދަ ކުރީ މެލޭޝިޔާގެ އިތުރުން ތައިލޭންޑެވެ. މި ދެ ޤައުމަކީވެސް ދުނިޔޭގެ ރޭންކިންގައި ރާއްޖެ އަށް ވުރެން ކުރީގައި އުޅޭ ދެ ގައުމުކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މެލޭޝިޔާ ދުނިޔޭގެ 33 ވަނާގައި ރޭންކު ކުރެވިފައި ވާއިރު، ތައިލޭންޑް އޮތީ 55ވަނާގައެވެ. އަދި ރާއްޖެ އޮތީ 72ގައެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ތައިލޭންޑް ބަލިކޮށް، ދެވަނަ މެޗުގައި މެލޭޝިޔާ އާއި ބައްދަލު ކުރި ވަގުތު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މެޗު ނިންމާލައި، ދެ ޓީމުގެ ދެމެދުގައި ޕޮއިންޓް ވަނީ ބަހާލާފައެވެ. އަދި ފަހު މެޗުގައި ތައިލެންޑް އަތުން ރާއްޖެ ބަލިވި ނަމަވެސް، މުބާރާތުގެ 2ވަނަ ވަނީ ލިބިގެން ގޮސްފައެވެ.

ރާއްޖެ އިން ކުޅުނު ފަހު މެޗުގެ ޓޮސް ދިމާވެގެން ގަސްތުކުރީ ކުޅެން އެރުމަށެވެ. ކުޅެން އަރައި 20 އޯވަރު ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ރާއްޖެ އަށް ހެދުނީ 153 ލަނޑެވެ. ޖަވާބުގައި ތައިލޭންޑުން ކުޅެން އަރައި 19.1 އޯވަރު ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ހެދުނީ 154 ލަނޑެވެ. މިއާއި އެކު ތައިލޭންޑަށް މެޗު ކާމިޔާބު ވި ނަމަވެސް، ރާއްޖޭގެ ފަރާތުން ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިކަން ފާހަގަކޮށްލެވެއެވެ.

މި ކާމިޔާބީ އަކީ ރާއްޖޭގެ ކްރިކެޓުގެ ތާރީހުގައި ވެސް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގަދަ

    ދެޓީމު ބައިވެރިވެގެން ދިޔައީ ތިންވަނައަށް ތިވަރުގެ ކާމިޔާބީއެއް ބަޔަކައްލިބޭނީ ލޮލް

    6
    2
    • މޮޔަ

      ރިހި މެޑަލް އެއް ލިބުނީމަ ތިންވަނަ އަކަށް ނޫން ދާނީ. ދެވަނަ އަށް. މަރުޙަބާ ކްރިކެޓް ޓީމް.

  2. އަޅުވެތިކަމާއި ދެކޮޅު

    އެކީއްވެ ކްރިކެޓްގެ އެންމެ ބޮޑު ކާމިޔާބަށް ވާންވީ؟؟ އިމާރޖިން ނޭޝަންސް ކަޕް ރާއްޖެން ހަމަ ޔަޤީނުންވެސް 1 ފަހަރު ކާމިޔާބު ކުރި. ހީވަނީ 2 ފަހަރު ކާމިޔާބު ކުރިހެން.

    • ޒިން

      ދެ ފަހަރު ރަން މެޑަލް ހޯދި

  3. މުރާނާ

    2 ޓީމު ބައިވެރިވިތަނަކުން 2 ވަނަ ލިބުނީތީ މަރުޙަބާ