ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ށ. ފޯކައިދޫން ގަދަފަދަ މާޒިޔާ ހިފަހައްޓައިފިއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ފެވަރިޓުންނަކީ މާޒިޔާއެވެ. ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވެ، މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައި އޮތް މާޒިޔާ އެންމެފަހުން ކުޅުނު މެޗުގައި ވަނީ ނިލަންދޫ ކޮޅަށް 13 ގޯލް ޖަހާފައެވެ. ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރުވެސް މާޒިޔާ ތަފާތު މޮޅުކޮށް ފާހަގަކޮށްލެވުނު އިރު، މިރޭގެ ނަތީޖާއަކީ ފޯކައިދުއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ފޯކައިދުއާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމްަ

މެޗަށް ނުކެމެ ފޯކައިދޫން ބޮޑަށް ސަމާލުކަން ދީފައި ވަނީ މާޒިޔާގެ ވަރުގަދަ އެޓޭކް ހުއްޓުމަށެވެ. ލިބޭ ބޯޅައިގައި ކައުންޓާ އެޓޭކް ކުރުމަށް ފޯކައިދޫން ވިސްނައިގެން ކުޅެމުންދިޔަ އިރު، ގިނަ ވަގުތު ބޯޅަ ގެންގުޅެފައި ވަނީ މާޒިޔާއިންނެވެ. އެހެން ނަމަވެސް މާޒިޔާއަށް ހަމަލާތައް އުފެއްދުމަށް ފޯކައިދޫން ޖާގަ ދީފައެއް ނުވެއެވެ. ހާއްސަކޮށް ގޯލާ ހަމައަށް މާޒިޔާގެ އެޓޭކްތައް ފޯރާފައި ވަނީ މަދުންނެވެ.

މެޗުގެ 13 ވަނަ މިނެޓުގައި އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް މާޒިޔާގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒު ނުވެ ދިޔަ އިރު، ކައުންޓާ އެޓޭކްގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަށް ލިބުނު ފުރުސަތުގައި އޭނާއަށް ގޯލް ހުޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފްގައި ފޯކައިދޫގެ ހަމަލާތައްވެސް މަދުން ފެނިގެންދިޔަ އިރު، ހާފް ނިމެން ދަނިކޮށް، މެދުތެރެއަށް ކުޅޭ ޚަލީލް ގަމާލް ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ބޭރަށެވެ.

ދެވަނަ ހާފަށް ނުކެމެ، މާޒިޔާއިން އިތުރަށް ގޯލަކަށް މަސައްކަތް ކުރި އިރު، ހާފްގެ ކުރީކޮޅުގައި އިއްބެއަށް ހަމްޒާ މުހައްމަދު (ހަމްޕު) ފަހިކޮށްދިން ފުރުސަތުގައި އޭނާ ފޮޮނުވާލި ބޯޅަ ދިޔައީ ގޯލާ ދަނޑި ކައިރިން ބޭރަށެވެ. މާޒިޔާގެ ހަލުވި ފޯވަޑް ލައިން ހިފެހެއްޓުމަށް ފޯކައިދޫން ވަރުގަދަ، ޓަފް ކުޅުމެއް ދައްކަމުން ދިޔަ އިރު، މެޗުގެ ފަހު ހާފްގައި އިތުރު ހަމަލާތައް ފެނިގެން ދިޔައެވެ. އަސަދުﷲ އަބްދުﷲއަށް ލިބުނު ފުރުސަތުގެ އިތުރުން ފޭދޫ އިއްބެއަށް ފަހުވި ދެ ފުރުސަތެއް ފާހަގަކޮށްލެވުނު އިރު، އަސަދުﷲގެ ހަމަލާ ދިފާއުކުރީ ގޯލް ކީޕަރު ސާގިބް ހަނީފެވެ.

ފޯކައިދުއާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމްަ

މެޗުގެ ފަހު މިނެޓްގައި ފޯކައިދޫއަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ. މާޒިޔާގެ ޑިފެންސް އެއްކޮށް ބީޓް ކޮށްލުމަށް ފޯކައިދޫގެ ފުލްބެކް އަލީ ސާމިސ (ތޮއްޕެ) އަރިމަތިން ކުރިއަށް އަރާ، ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ޑިފެންޑަރު ތޮއްޕެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމްބާޕޭ

    ފޯކައިދޫ ޓީމުގެ އެންމެން ފަހަތައް ފައިބައިގެން ީީ ގޯލް ކުރިމަތީ ބަސް ޕާކު ކޮއްގެން ކުޅުނީ ދޯ.

    4
    10
    • މުހައްމަދު އަހުމަދު

      ރާއްޖޭގެ ގައުމީޓީމް ސައުތުކޮރެއާ އާއި ދެކޮޅައް ކުޅުނީ ކިހިނެއް މީވެސް ހަމަ އެކަހަލަ މެޗްއެއް އެމްބާޕޭ ޖަހާގެން ކޮމެންޓް ކުރިޔަސް ފުޓްބޯޅަ އެނގޭކަމަކައް ނުވާނެ

      5
      1
      • ސެއްޅި

        މުހައްމަދު އަހުމަދު، ކަލެއަށް ތިހިރީ ފުޓުބޯޅަ އިނގިފައޭ