މެންޗެސްޓާ ޔުނައިޓެޑުން އައު ސީޒަނާ ދިމާކޮށް ނެރެފައިވާ އަވޭ ޖާޒީގެ ފޮޓޯ ތަކެއް ލީކު ވެއްޖެއެވެ.

ހަރުފައެއްގެ ހަންގަނޑު ރަމްޒު ކޮށްދޭ ގޮތަށް ކަޅު ކުލައިގެ ކުދި ތިކިތަކެއް ހުރި މި ލިނެން ޖާޒީ ގިނަ ބަޔަކަށް ކަމުގޮސްފައި ވީ ނަމަވެސް އެ ކްލަބު ދޫކޮށްލަން ބޭނުންވާކަން ހާމަ ކޮށްފައިވާ ޕައުލް ޕޮގްބާ އެ ޖާޒީގައި މޮޑެލް ކޮށްފައި ހުރުމުން ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ލިބިގެން ގޮސްފައެވެ.

ކަޅު ކުލައިގެ ސޯޓާއި އެކު އެޑިޑަސްގެ މި ޖާޒީ ގިނަ ބަޔަކަށް ކަމުގޮސްފައި ވީ ނަމަވެސް ބައެއް ސަޕޯޓަރުން ވަނީ އެއީ މިހައިތަނަށް ކްލަބުގެ ތާރީހުގައިވެސް ފެނުނު އެންމެ ހުތުރު އެއް އަވޭ ޖާޒީ ކަމަށް ބުނަން ފަށާފައެވެ.

މި ސީޒަނުގައި ޔުނައިޓެޑުން މިހާތަނަށް ވަނީ ދެ ކުޅުންތެރިން ސޮއި ކުރުވާފައެވެ. އެއީ ކްރިސްޓަލް ޕެލެސްގެ އާރޮން ވަން ބިސްސަކަ އާއި ސްވާންސީ އަށް ކުޅެމުން އައި ޑެނިއަލް ޖޭމްސްއެވެ.

ދާދި ފަހުން ޔުނައިޓެޑުގެ ވައިސް ޗެއާމަންގެ ލީކު ވެފައިވާ އީމެއިލް އަކުން ހާމަ ވެފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސް ތަކުގައި އެ ކްލަބާއި އިތުރު ކުޅުންތެރިން ތަކެއް ގުޅިގެން ދާނެއެވެ.