ކޮޕާ އެމެރިކާގެ ސެމީ ފައިނަލްގައި މިރޭ އާޖެންޓީނާއާއި ބްރެޒިލް ކުރިމަތިލާ އިރު، ދެ ގައުމަށްވެސް މިއަހަރުގެ މުބާރާތް ހޯދުން މުހިއްމެވެ. 2007 ވަނަ އަހަރަށްފަހު ބްރެޒިލަށް މުބާރާތް ހޯދިފައި ނުވާ އިރު، އާޖެންޓީނާއިން އެންމެފަހުން މުބާރާތް ކާމިޔާބުކުރީ 1993 ވަނަ އަހަރުއެވެ. ހާއްސަކޮށް އާޖެންޓީނާގެ ތަރި، ލިއޮނަލްސް މެސީއަށް ކޮޕާ އެމެރިކާގެ ވެފައި ވަނީ ހިިތްދަތި މުބާރާތަކަށެވެ.

އެންމެފަހުން ބޭއްވި ފަސް ކޮޕާ އެމެރިކާގެ ތެރެއިން ހަތަރު އަހަރެއްގައި އާޖެންޓީނާ ފައިނަލް ކުޅެފައިވާ އިރު، އެ ހުރިހާ ފައިނަލަކުންވެސް އެޓީމުވީ ނާކާމިޔާބެވެ. މެސީއަށް ގައުމީ ޓީމާއެކު ތަށްޓެއް ލިބެން އޮތް އެންމެފަހު ފުރުސަތަކީ މި މުބާރާތް ކަމަށް ގިނަ ބަޔަކު ސިފަކުރާ އިރު، މިރޭގެ މެޗާ ހަމައަށް ދިޔަ އިރު، ވަރުގަދަކޮށް ފެނިފައި ވަނީ ބްރެޒިލެވެ.

އާޖެންޓީނާއިން ކިރިޔާ ގްރޫޕް ސްޓޭޖުން ސަލާމަތްވި އިރު، މެސީގެ ފަރާތުން ފެނުނީ ދަށް ކުޅުމެވެ. މެސީ އަމިއްލައަށްވެސް އެކަމަށް އެއްބަސްވެފައިވާ އިރު، އޭނާއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ގޯލެކެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކާމިޔާބު ކުރެވުނު ޕެނެލްޓީއެކެވެ. އެހެން ނަމަވެސް، ބްރެޒިލުން މިރޭ ނުކުންނާނީ މެސީގެ އެންމެ މޮޅު ކުޅުމަށް ތައްޔާރު ވެގެން ކަމަށް އެޓީމުން ވަނީ ބުނެފައެވެ.

"މެސީއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ. އެކަން ހަނދާން ނައްތާލައިގެން ނުވާނެ. އޭނާ ކުއްލިއަކަށް އެންމެ މޮޅު ކުޅުން ދައްކަފާނެ،" ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުންޏެވެ.

ސިލްވާ ބުނެފައި ވަނީ ބޯޅަ ނެތިވެސް، ބޯޅަ އޮތަސް އެންމެ ބޮޑު ފޯކަސްއެއް ބަހައްޓަން ޖެހޭނީ މެސީއަށް ކަމަށާއި، އަބަދުވެސް މެސީއާ ކުރިމަތިލުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. މީގެ ކުރިން މެސީއާ ދެކޮޅަށް ކުޅެފައިވާ ސިލްވާ ބުނެފައި ވަނީ މެސީއަށް ސަމާލު ނުވެއްޖެ ނަމަ، ބޮނޑި ލިބޭނެ ކަމަށެވެ.