ފްރާންސްގައި މިހާރު ކުރިއަށް ދާ ފީފާ ވިމެންސް ވޯލްޑް ކަޕުގައި އިންގްލޭންޑު ބަލިކޮށް އެމެރިކާ އިން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

2-1ގެ ނަތީޖާ އަކުން އެމެރިކާ މޮޅުވި މި މެޗުގައި އެ ޓީމަށް ފުރަތަމަ ލަނޑު 10ވަނަ މިނެޓުގައި ނަގައިދިން ހުރަހަކުން ކާމިޔާބު ކޮށްދިނީ ކްރިސްޓެން ޕްރެސް އެވެ. އޭގެ 9 މިނެޓު ފަހުން އެލެން ވައިޓް އިންގްލޭންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ނަމަވެސް 31ވަނަ މިނެޓުގައި އެމެރިކާގެ ކެޕްޓަން އެލެކްސް މޯގަން ވަނީ އެ ޓީމު މޮޅުވި ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މޯގަން އަށް 30 އަހަރު ފުރުނު އުފަންދުވަހު އޭނާ ކާމިޔާބު ކުރި ގޯލަށް ފަހު ވަނީ އިންގްލޭންޑަށް މަލާމަތް ކުރާ ފާޑަކަށް އުފާވެސް ފާޅުކުރިއެވެ. އިންގްލޭންޑު މީހުންނަކީ ކަޅުސައި ބޯން ލޯބި ކުރާ ބައެއް ކަމުން މޯގަން ވަނީ އޭނާގެ ލަނޑަށް ފަހު ކަޅުސައި ބޯ ކަމަށް ހެދިފައެވެ. މި މަންޒަރު ދައްކުވައިދޭ ވީޑިއޯ މިހާރު އަންނަނީ ވަރަށް ހަލުވި ކަމާއި އެކު މީސް މީޑިއާގައި ދައުރުވަމުންނެވެ.

މެޗުގައި އެމެރިކާގެ ފަރާތުން ކާމިޔާބު ކުރި ދެ ލަނޑުވެސް ބޮލުން ޖަހާފައި ވާއިރު، އިންގްލޭންޑަށް ވަނީ މެޗުން މޮޅުވާން އެތައް ފުރުސަތު ތަކެއް ލިބި، ބޭކާރު ވެފައެވެ. އެ ޓީމުން ޖެހި ގޯލެއް ވީއޭއާރު ގެ އެހީގައި އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، އެ ފަހުން އެ ޓީމަށް ޕެނަލްޓީ އެއްވެސް ވަނީ ލިބިފައެވެ. އިންގްލޭންޑުގެ ކެޕްޓަން ސްޓެފް ފޮނުވާލި އެ ޕެނަލްޓީ އެމެރިކާގެ ކީޕަރު ވަނީ ހުށިޔާރު ކަމާއި އެކު ދިފާއު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

އިންގްލޭންޑުން މުބާރާތާއި އަލްވަދާއު ކިޔައިފައި ވާއިރު، އެމެރިކާ އާއި ދެކޮޅަށް ފައިނަލުގައި ކުޅޭނެ ޓީމެއް ކަށަވަރު ވާނީ މިރޭ ނެދަލޭންޑްސް އާއި ސްވިޑެން ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗައް ފަހުގައެވެ.