ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ކަމުގައިވާ މެންޗެސްޓާ ސިޓީ އާއި ޔޫރޮޕްގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ސައުތްހެމްޓަނަށް ޕްރިމިއާ ލީގުގެ ތަށި ކާމިޔާބު ކުރެވޭނެ ކަމަށް އެ ކްލަބާ އަލަށް ގުޅުނު ޗޭ އެޑަމްސް ބުނެފިއެވެ.

ބާރމިންގހަމް ސިޓީއަށް ފަހު ސީޒަނުގައި 93 މެޗުން 38 ގޯލު ކާމިޔާބު ކޮށްދީފައިވާ ފޯވާޑް އިތުރަށް ބުނެފައި ވަނީ ސައުތްހެމްޓަންގެ ކިބައިގަ އެ އަމާޒަށް ވާސިލްވުމުގެ ގާބިލްކަން އެބަހުރި ކަމަށާއި އެކަން ކުރުމަށް އޭނާގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ލިބިގެން ދާނޭ ކަމަށެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެ ކްލަބުން ނިމިދިޔަ ސީޒަން ނިންމާލީ ތާވަލްގެ 16 ވަނާގައި ކަމެވެ.

"ހަމަ ގައިމުވެސް ސައުތްހެމްޓަނަކީ ވަރަށް ބޮޑު ކްލަބެއް. އަހަރެމެން ތަށި ހޯދަން ބޭނުންވާ ކަމާމެދު އެއްވެސް ސުވާލެއް ނުއުފެދޭ. އަހަންނަށް އިނގޭ މި އެދެވެނީ ވަރަށް ބޮޑު ކަމަކަށް ކަން. އެހެން ނަމަވެސް މިކަން އަހަރެމެންނަށް ކުރެވޭނެ." އިންގްލޭންޑުގެ ނޫހަކަށް ދިން އިންޓަވިއުއެއްގެ ތެރެއިން ޗޭ ބުނެފައި ވެއެވެ.

ބާރމިންގހަމުން 15 މިލިއަން ޕައުންޑުގެ އަގަކަށް ޗޭ އެޑަމްސް ގަނެފައި ވާއިރު ސައުތްހެމްޓަނުން ވަނީ މި ސީޒަނަށް އެ ކްލަބު ވަރުގަދަ ކުރުމުގެ ގޮތުން ފަޅިއަކަށް ކުޅޭ މޫއްސާ ޖެނެޕޯވެސް ގެނެސްފައެވެ.

ލިވަޕޫލް އާއި ސިޓީ ބަލިކޮށް ތަށި ނަގާނޭ ކަމަށް އެޑަމްސް ބުނުމުން މީސް މީޑިއާގައި މިކަން ޖޯކެއްގެ ގޮތުގައި ގިނަ ބަޔަކު ނަގަމުން އަންނަ އިރު ބައެއް މީހުން ވަނީ މިއީ ޗޭ އެޑަމްސް މަޝްހޫރު ވާން ޖެއްސި ސްޓަންޓެއް ކަމަށްވެސް ބުނެފައިކަން ފާހަގަކޮށްލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މިސޮރު ހާދަ އަވަހަކަށް ތަށި މި ގެންދިޔައީ! އަދި މިއުޅެނީ ސީޒަން ނުފެށި!