ކުރިޔަށް އޮތް އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) އަށް ތައްޔާރުވުމުގެ ގޮތުން، އިތުރު ތަމްރީނު ހޯދުމަށް ސަރބިއާއަށް މިރޭ ދަތުރުކުރުމަށް ހަމަޖެހިފައިވާ ޤައުމީ ވޮލީ ޓީމުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިރޭ މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ޞާލިހް ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި މިއީ ޔޫރަޕްގެ ޤައުމަކަށް އިތުރު ތަމްރީނުތަކަށް ޤައުމީ ވޮލީ ޓީމަށް ދަތުރުކުރަން ލިބުނު ފުރަމަތަ މިފަދަ ފުރުޞަތުކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވިދާޅުވިގޮތުގައި ސަރބިއާއަކީ ކުޅިވަރުގައި ކާމިޔާބީތަކެއް ހޯދައިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، މި ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަށް ކުޅުންތެރިންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވިގޮތުގައި އުންމީދަކީ މި ތަމްރީނުތަކުގެ އަލީގައި އައި.އޯ.އައި.ޖީއިން ދިވެހި ޤައުމީ ވޮލީ ޓީމު މެޑައްޔެއް ހާޞިލްކުރުމެވެ.

މި ބައްދަލުކުރެއްވުމުގައި ޤައުމީ ވޮލީ ޓީމުގެ ފަރާތުން ވާހަކަދެއްކެވި އެ ޓީމުގެ ކޯޗު ވިދާޅުވިގޮތުގައި، ސަރބިއާއަކީ ދުނިޔޭގެ ރޭންކުން ވޮލީ އިން 10 ވަނައިގައި އޮތް ޤާއުމުކަމަށާއި، މި ތަމްރީނުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި، އައި.އޯ.އައި.ޖީގައި ޤައުމީ ވޮލީ ޓީމުން ބޮޑު ކާމިޔާބީއެއް ހޯދާނެކަމުގެ ޔަޤީންކަން ރައީސް އަށް ވަނީ ދެއްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.