ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވަރުގަދަ ދެ ބާރު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން، އެންމެފަހުގެ ޗެމްޕިއަން ޓީސީއާ ދެކޮޅަށް ނުކުންނަ އިރު، މެޗުގެ ކުރިން ދެ ކޯޗުންވެސް އިދިކޮޅު ޓީމަށް ތައުރީފް ކޮށްފިއެވެ.

ފުޓުބޯޅައިގައި އާންމުކޮށް އިދިކޮޅު ޓީމަށް ތައުރީފްކޮށް، އިދިކޮޅު ޓީމު މޮޅު ކުރުމަކީ ސައިކޮލޮޖިކަލީ ކުޅެލާ "މައިންޑް ގޭމް"އެއް ކަމަށް ބައެއް ތަޖުރިބާކާރު ކޯޗުން ބުނެއެވެ. މިއަދުގެ މެޗަށް ނުކުންނަ އިރު، ކުޅުނު އެއްވެސް މެޗަކުން މާޒިޔާ ބަލިވެފައެއް ނުވެއެވެ. އެހެން ނަމަވެސް އެންމެފަހުން ފޯކައިދުއާއެކު ކުޅުނު މެޗުން އެއްވަރުވުން ވެގެންދިޔައީ ހައިރާން ކުރުވަނިވި ނަތީޖާއަކަށެވެ. ޓީސީން ކުޅުނު ތިން މެޗުން ދެ މެޗު ކާމިޔާބު ކޮށްފައިވާ އިރު، އެންމެފަހުން ގްރީންއާ ދެކޮޅަށް ކުޅުނު މެޗުވީ އެއްވަރެވެ.

"އެއީ އެންމެފަހުގެ ޗެމްޕިއަން. މި ސީޒަންގެ ޗެރިޓީޝީލްޑްވެސް ކާމިޔާބުކުރި ޓީމު. ގައުމީ ޓީމުގެ އޭރުގެ އަދި މިހާރުގެވެސް ކުޅުންތެރިންނާއެކު ވަރަށް ތަޖުރިބާ ބޮޑު ޓީމެއް ޓީސީއަކީ. އަދި ބިދޭސީވެސް ތިން ކުޅުންތެރިން. އީގަލްސް ކައިރީ ފަހުވަގުތު އެއްވަރުވީ، ގްރީން ކައިރީގައި 2-0ގައި އޮވެފައި ފަހަތުން އަރާ އެއްވަރުކުރީ. ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ ޓީސީއާ ދޭތެރޭ،" މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮވްސްކީ، މިއަދުގެ މެޗާ ގުޅިގެން ބުންޏެވެ.

މި ސީޒަންގެ އެންމެ ވަރުގަދަ ޓްރާންސްފާތަކެއްވެސް ކުރީ މާޒިޔާއިންނެވެ. ޓީސީއަށް މިދިޔަ ސީޒަންގެ ލީގު ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ބައެއް ކުޅުންތެރިންވެސް މިހާރު މާޒިޔާއިން ފެންނަ އިރު، ސެކުލޮވްސްކީ ބުނެފައި އޭގެ ބަދަލު ޓީސީއަށްވެސް މުހިއްމު ކުޅުންތެރިންތަކެއް ގުޅިފައިވާ ކަމަށެވެ.

"ޓީސީ ޓީމުގެ ތަފާތުތަކެއް އެބަހުރި. މާޒިޔާވެސް ޓީމަށް ވަނީ ތަފާތުތަކެއް ގެނެވިފައި. މިދިޔަ އަހަރު ޓީސީއަށް ކުޅުނު މުހިއްމު ކުޅުންތެރިންތަކެއްވެސް މާޒިޔާގައި އެބަތިބި. އެކަމަކު ޓީސީއަށްވެސް ކުޅުންތެރިން އިތުރުވެގެން ދިޔަ. ޑިފެންސަށް އަކުރަމް އަދި ގޯލްކީޕަރު އިންމަ ކަހަލަ ކުޅުންތެރިން، އެއީ ތަފާތު ނެރޭނެ ކުޅުންތެރިން،" ސެކުލޮވްސްކީ ބުންޏެވެ.

މިއަދުގެ މެޗާ ގުޅިގެން ޓީސީ ކޯޗު، މުހައްމަދު އާތިފް (އާތީ) ވަނީ ވަރަށް ބޮޑަށް މާޒިޔާއަށް ތައުރީފް ކޮށްފައެވެ.

"މާޒިޔާއަކީ ޓީމެއް ސީޒަނަކަށް ތައްޔާރުވާން ޖެހޭ ގޮތަށް، ސީޒަނަށް ތައްޔާރުވީ ޓީމެއް. މާޒިޔާގެ އެންމެ ފަހުމެޗު އެއީ އެމީހުން ލެވެލް ކަމަކަށް އަހަރެން ނުބަލަން. އެއީ މެޗެއް ކޮންމެ ޓީމެއް އަތުންވެސް، އެއްގޮތަކަށްވެސް އެއީ މާޒިޔާ ލެވެލްއެއް ނޫން. ނަސީބާ ހުރިހާ ކަމެއްވެސް އޭގައި އެބައޮތް. އެކަމަކު އެހެން ބުނާއިރުވެސް ފޯކައިދޫގެ ހިތްވަރު ހަނދާން ނައްތާލަނީކީއެއް ނޫން. ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން އެވަރު ވާނީ. އަހަރެން ވިސްނާ ގޮތުގައި ލީގު ލިބެން ޖެހެނީ މާޒިޔާއަށް. އެހެން މިބުނީ އެހެން ޓީމަކުން ނުނަގާނެއެކޭވެސް ނޫން. އަދި ޓީސީއިން ނަގަން ނޫޅޭނެއެކޭވެސް ނޫން. އެކަމަކު ސީޒަނަކަށް ތައްޔާރުވީ އެޓީމު. އަހަރެން ހިތަށް އަރާ ފުރަތަމަ ޑިވިޝަންގެ ހުރިހާ ޓީމަކުންވެސް މި ލެވެލްގައި ތައްޔާރުވާނެ ނަމައޭ. އެއީ ރާއްޖޭގެ ފުޓުބޯޅައަށް، ނޭޝަނަލް ޓީމަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. އެކަން އެބަ ޖެހޭ ނަމޫނާއަކަށް ބަލަން،" އާތީ ބުންޏެވެ.

މީގެ ކުރިންވެސް ޓީސީގެ ވަރުބަލި ކަމުގެ ވާހަކަ އާތީ ދައްކާފައިވާ އިރު، އޭނާ ބުނެފައި ވަނީ ޓީސީއަށް މާޒިޔާއަށްވުރެ އިތުރަށް ތިން މެޗު މި ސީޒަންގައި ކުޅެން ޖެހިއްޖެ ކަމަށާއި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިން މެޗުގެ ތަފާތަކީ ވަރަށް ބޮޑު އެއްޗެއް ކަމަށެވެ. އަދި ޓީމުގައި "ފައިޓިން ސްޕްރިޓް" ހުރި ނަމަވެސް، އެއް މެޗެއްގައި ކުޅުންތެރިންގެ 200 ޕަސެންޓް ދައްކައިފި ނަމަ، އަނެއް މެޗަށް ރިކަވާ ވާން ވަގުތު ބޭނުންވާ ކަމަށެވެ.

ޓީސީއާއި މާޒިޔާ ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު 4:00ގައެވެ.