އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އޭނާގެ ކުރީގެ ކްލަބު ޓީސީ ސްޕޯޓްސް ކްލަބު ކޮޅަށް ޖެހި ގޯލާއެކު މާޒިޔާއަށް ކުރި ހޯދައިދީފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަކީ ޓީސީން ލީގުގައި ކުޅުނު ފަސްވަނަ މެޗަށްވާ އިރު، އެޓީމުން ވަނީ ޗެރިޓީޝީލްޑް ދެ މެޗުވެސް ކުޅެފައެވެ. މެޗަށް ނުކުތް އިރު، ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) އެންމެ ގަދަޔަށް ދެއްކި ވާހަކައަކީވެސް ޓީމުގެ ވަރުބަލި ކަމުގެ ވާހަކައެވެ. މާޒިޔާއިން އެޓީމުގެ ހަތަރުވަނަ މެޗު މިއަދު ކުޅުނު އިރު، މެޗަށް ނުކުތްއިރު ދެޓީމުވެސް ލީގުގައި ބަލިވެފައެއް ނުވެއެވެ.

މިއަދުގެ މެޗުން މޮޅުވެ މާޒިޔާއިން ހަތަރު މެޗުން 10 ޕޮއިންޓާއެކު ދެވަނައިގައި އޮތް އިރު، ޓީސީ އޮތީ ފަސް މެޗުން އަށް ޕޮއިންޓާއެކު، ތިންވަނައިގައެވެ. އެއްވަނައިގައި އޮތީ ދަ ގްރާންޑޭއެވެ.

މިއަދުގެ މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނިފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފްގައި ޓީސީން ބޮޑަށް ކައުންޓާ އެޓޭކިން ފުޓުބޯޅައެއް ކުޅުނު އިރު، މާޒިޔާއިން ބެލީ ފަހަތުން ރަނގަޅު ބޯޅައަށް ކުރިއަށް ޖަހައިގެން އެޓޭކް ކުރެވޭތޯއެވެ. ދެޓީމަށްވެސް އެންމެ އެދެވޭ ހަމަލާތަކެއް ފުރަތަމަ ހާފްގައި އުފެއްދިފައިނުވާ އިރު، ރަނގަޅު ޕާސްތަކެއް ޖަހާ އެޓޭކްތަކެއް އުފެއްދިފައެއްވެސް ނުވެއެވެ.

މެޗުގެ ކުރީ ކޮޅުގައި ޓީސީގެ ނޭޕާލް މިޑްފީލްޑަރު ބިމާލް ގާތީ، ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލާ އަމާޒުނުވެ ދިޔަ އިރު، 29 ވަނަ މިނެޓުގައި މާޒިޔާއަށް ލިބުނު ކޯނަރެއްގެ ބޭނުންހިފާ، ފޭދޫ އިއްބެ، އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ޑިފެންޑަރު ފައިގައި ޖެހިފައި މިސްރާބު ބަދަލު ވެގެންނެވެ. މާޒިޔާއިން އެންމެ ބޮޑަށް ނުރައްކާ ކުރީ ހާފްގެ ފަހު ފަސް މިނެޓުގައެވެ.

ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، މާޒިޔާގެ ނާއިޒް ހަސަން (ދާދު)އަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު އުފެއްދި ކައުންޓާ އެޓޭކްގައި ގޮސް، ގޯލްކީޕަރު އިމްރާން މުހައްމަދު ވެސް ނައްޓާލުމަށްފަހު ދާދު ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އެ ހަމަލާގެ އިތުރުން ހާފްގެ ފަހު މިނެޓުގައިވެސް މާޒިޔާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ.

އިބްރާހީމް ވަހީދު ހަސަން (އިއްބެ) ޓީސީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. މާޒިޔާގެ ނުރައްކާތެރި ދެ ހަމަލާއަކާއެކު ހާފް ނިމުނު ނަމަވެސް، ދެވަނަ ހާފްގެ ފުރަތަމަ ހަމަލާ އުފެއްދީ ޓީސީންނެވެ. މާޒިޔާ އޭރިއާ ތެރެއިން ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު އިބްރާހީމް އަތީގު އުފެއްދި ހަމަލާ، މަތަކޮށް ބޭރުކޮށްލީ މާޒިޔާގެ ގޯލްކީޕަރު އަޒީޒީއެވެ.

ދެވަނަ ހާފްގައި މާޒިޔާއިން ތަންކޮޅަށް ބޮޑަށް ޕާސް ޖަހައިގެން ކުޅުނު އިރު، މެދުތެރެއިން މިއަދުގެ މެޗުގައި ހުސައިން ނިހާން (ނިހާޓް)ވެސް ފެނިގެން ގޮސްފައިވެއެވެ. މިއީ ނިހާން ފުރަތަމަ 11ގައި ފެށި ފުރަތަމަ މެޗުވެސް މެއެވެ. މާޒިޔާއިން މެޗުގެ ލީޑު ނެގީ 59 ވަނަ މިނެޓުގައެވެ. އަރިމަތިން ދާދު ނަގައިދިން ރީތި ހުރަސް، އޭރިއާ ތެރޭގައި ހުއްކޮށް އޮތް ފޭދޫ އިއްބެ ގޯލަށް ވައްދާލީ ފަސޭހަކަމާ އެކުގައެވެ.

މިއަދުގެ މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ފޭދޫ އިއްބެގެ ކުރީގެ ކްލަބަކީ ޓީސީ ކަމަށްވުމާއެކު، އެކަމަށް އިހުތިރާމް ކުރުމުގެ ގޮތުން އޭނާ އުފާ ފާޅުކޮށްފައެއް ނުވެއެވެ. އެއް ގޯލްގެ ލީޑާއެކު މާޒިޔާއިން ހަމަޖެހިލައިގެން ކުޅުނު އިރު، ޓީސީން މިއަދުގެ މެޗުގައި އެންމެ ނުރައްކާތެރި ކުޅުންތެރިޔަކަށް ފާހަގަކުރެވުނީ އާދަމް އިޝާން (ސައްޓު)އެވެ. ސައްޓުގެ މަސައްކަތް ފާހަގަ ކޮށްލެވުނު އިރު، މެޗުގެ ފަހުކޮޅުގައި އޭނާއަށްވެސް އެކަށީގެންވާ ތަފާތެއް ނުދެއްކުނެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. އެ މެޗުގައި ދަ ގްރާންޑޭއިން ނުކުންނާނީ ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.