ފަލިޖަހައިގެން ބޯޓު ދުއްވުން ނުވަތަ ރޯވިންގްގައި އަށް އަހަރު ދުވަސް ވަންދެން ދުނިޔޭގެ އެއްވަނަ މަގާމު ހިފަހައްޓަމުން އައި އޮލިމްޕިކް އެތްލީޓެއްކަމުގައިވާ ހެމިޝް ބޮންޑް ވަނީ އެންމެ ފަހުން މާ ގިނައިން މޮޅުވާތީވެ އެކަމާއި ފޫހިވެގެން އޭނާ ކުޅޭ ކުޅިވަރު ބަދަލުކޮށްފައެވެ.

އަށް އަހަރު ދުވަހުގެ ތެރޭގައި ބޮންޑް ވަނީ އޭނާގެ ޕާޓްނަރާއިއެކު އޮލިމްޕިކް ރަން މެޑަލް ދެ ފަހަރު ހޯދައި ހަތް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައެވެ. މިހާ ގިނައިން ކާމިޔާބީ ލިބޭތީވެ ބޮންޑް ވަނީ އެންމެ ފަހުން ފޫހިވެގެން އޭނާ ކުޅޭ ކުޅިވަރު ބަދަލުކޮށް އެހެން ކުޅިވަރަކުން ކާމިޔާބީ ހޯދުމަށް އަޒުމް ކަނޑައަޅައިފައެވެ.

ބޮންޑް މިހާރު ދަނީ ސައިކްލިންގް ނުވަތަ ބައިސްކަލް ދުއްވުމުން ކުރިއަރައި 2020 ވަނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައި އޮންނަ އޮލިމްޕިކްސްގައި ބައިވެރިވެ ރަން މެޑަލްގެ ކާމިޔާބީ ހޯދުމަށް މަސައްކަތްކުރަމުންނެވެ. ބޮންޑް އޮލިމްޕިކްސްގައި ބައިވެރިވުމުގެ ކުރިން އޭނާ ވަނީ ކުރިއަށް މި އޮތް އޭޕްރިލް މަހު އޮސްޓްރޭލިއާގައި އޮންނަ ކޮމޮންވެލްތް ގޭމްސްގެ ސައިކްލިންގް އިވެންޓްގައި ބައިވެރިވާނޭކަމަށްވެސް އިއުލާންކޮށްފައެވެ.

ކޮމޮންވެލްތް ގޭމްސްއިން އޭނާގެ ސައިކްލިންގް ކެރިއަރުގެ ކުރިމަގު އޮތް ގޮތުގެ އަޖުމަ އެނގިގެންދާނޭކަމަށް އޭނާ ވަނީ ބުނެފައެވެ. ބޮންޑް ބުނާގޮތުގައި ބަލިވުން ނުވަތަ ނާކާމިޔާބީއަކީ އޭނާއަށް ލިބިގެންދާނެ ހިތްހަމަޖެހުމަކަށްވުމަކީވެސް ވަރަށް ގާތް ކަމެކެވެ. އެގޮތުން ބޮންޑް ވަނީ އޭނާ ބައިވެރިވި ބައިސްކަލް ރޭސްތަކުގެ ތެރެއިން އޭނާ މޮޅުވި ރޭސްތަކަށްވުރެ ބަލިވި ރޭސްތަށް މާ ގިނަ ކަމަށާއި އަދި ސައިކްލިންގް އިވެންޓްތަކުގައި އޭނާއަކީ 'އަންޑާރޑޯގް' ނުވަތަ ގިނަ ބަޔަކު ކާމިޔާބީ ހޯދުމަށް އުންމީދުނުކުރާ ފަރާތަށްވާނޭކަމަށާއި އަދި އެއީ އޭނާއަށް ވަރަށް ކަމުދާ އިހުސާސެއްކަމަށް ކިޔައިދީފައެވެ.